








“ޕީއާރްސީ ވެޓަރަންސް ކަޕް 2026” ގެ ފައިނަލް ރޭ ކުޅެ، މުބާރާތް ނިމިއްޖެއެވެ.
މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ 55 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕްރިޒަން ކްލަބުން އިންތިޒާމުކޮށްގެން، އުމުރުން 35 އަހަރުން މަތީގެ އޮފިސަރުންނަށް ޚާއްސަކޮށް ކުރިއަށްގެންދިޔަ ފުޓްސަލް ޓޯރނަމަންޓެކެވެ.
ހުޅުމާލެ ޖަލުގެ ގޯތިތެރޭގައިވާ ފުޓްސަލް ގްރައުންޑްގައި ރޭ ކުޅުނު ފައިނަލް މެޗް ބައްލަވާލެއްވުމަށާއި މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ބޯޑް މެންބަރު މުޙައްމަދު އުމެއިރުއެވެ.
ޝަރަފުވެރި މެހެމާނުގެ އިތުރުން މިނިސްޓްރީ އޮފް ޔޫތު އެމްޕަރވަރމަންޓް، ސްޕޯރޓްސް އެންޑް ފިޓްނަސްގެ ޑެޕިއުޓީ މިނިސްޓަރ ޙުސެޢިން ނިހާދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞަބާޙް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އިބްރާހިމް މަފާޒް، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފައިނަލް މެޗްގައި ވަރަށް ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ދެއްކުމަށްފަހު ޓީމް މާފުށީ ޕްރިޒަން ބަލިކޮށް، ޗެމްޕިއަންކަން ހާޞިލްކުރީ ޓީމް އީއެސްޖީއެވެ. ޓީމް އީއެސްޖީ މި ޓޯނަމަންޓް ހާޞިލްކުރީ 3-1 ލަނޑުންނެވެ. ފައިނަލް މެޗްގެ “މޭން އޮފް ދަ މެޗް” ހޯދާފައިވަނީ ޓީމް އީއެސްޖީގެ ތައުޒީމް އަޙްމަދުއެވެ.
ޓީމް އީއެސްޖީ ވަނީ 2024 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.
މި ޓޯނަމަންޓްގެ ފައިނަލް މެޗަށްފަހު، ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް އަދި އިނާމް ޙަވާލުކުރުމަށްއިތުރުން، އެކި ވަނަ ތަކަށް ހޮވުނު ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ޕްލާކް ޙަވާލުކޮށްފައެވެ.
އެގޮތުން ފާހަގަކޮށްލެވޭ ވަނަތަކަށް ހޮވިފައިވަނީ:
ޓޮޕް 5 ކުޅުންތެރިންނަކީ އަޙްމަދު ނައުފަލް (ޓީމް މާފުށީ ޕްރިޒަން)، ޢަލީ އަސްރަތު (ޓީމް އީއެސްޖީ)، ޒަމީރު މުޙައްމަދު (ޓީމް އީއެސްޖީ)، ޢުބެއިދު ޝަރީފް (ޓީމް އީއެސްޖީ)، ޢިސްމާޢީލް ޒަރީރު (ޓީމް އެޗްކިއު) އެވެ.
ފެއަރޕްލޭ ޓީމަކީ ޓީމް ހުޅުމާލޭ ޕްރިޒަންއެވެ. ބެސްޓް ކޯޗްގެ މަގާމަކީ މަދީޙު ރިއްފަތު (ޓީމް އީއެސްޖީ)އެވެ.
ޕީއާރްސީ ވެޓަރަންސް ކަޕް 2026” ގައި ވާދަކުރަނީ ޓީމް ލެގަސީ، ޓީމް އެޗްކިއު، ޓީމް އައްސޭރި ޕްރިޒަން، ޓީމް މާފުށީ ޕްރިޒަން، ޓީމް ހުޅުމާލެ ޕްރިޒަން، ޓީމް އީއެސްޖީއެވެ.




