







ފުލުހުންގެ މައި އޮފީސް
ފުލުހުންނަށް މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ހުށަހެޅި މައްސަލަަތަކަށްވުރެ މި އަހަރުގައި ހުށަހެޅި މައްސަލަތައް ގިނަ އެވެ.
ފުލުުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު 1091 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، އޭގެތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކަށްވާއިރު، މި މައްސަލަތަކުގެ ތެރެއިން 31.3% އަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ.
• މަސްތުވާތަކެއްޗާ ގުޅޭ 341 މައްސަލަ• ވައްކަމުގެ 257 މައްސަލަ• ޓްރެފިކް އެކްސިޑެންޓްގެ 210 މައްސަލަ• އެއްޗެތި ގެއްލިގެން 88 މައްސަލަ• މުދަލަށް ގެއްލުން ދިނުމުގެ 65 މައްސަލަ• މާރާމާރީގެ 42 މައްސަލަ• ޖިންސީ ކުށުގެ 27 މައްސަލަ• ގެވެށި އަނިޔާގެ 24 މައްސަލަ• ޚިޔާނަތުގެ 17 މައްސަލަ• ފޯޖް ކުރުމުގެ 11 މައްސަލަ• ފޭރުމުގެ 9 މައްސަލަ
މި އަހަރުގެ މިހާތަނަށް 8،566 މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު، މީގެތެރޭގައި އެންމެ ގިނައީ ވައްކަމާއި ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އަދި މީގެތެރެއިން މިއަހަރުގެ މިހާތަނަށް ވައްކަމުގެ ރިޕޯޓްކޮށްފައިވަނީ 2351 މައްސަލަ އެވެ.
މީގެއިތުރުން ޓްރެފިކް އެކްސިޑެންޓްތަކާ ގުޅުންހުރި 2042 މައްސަލައެއް ރިޕޯޓްކޮށްފަައިވާއިރު، މަސްތުވާތަކެތީގެ 1844 މައްސަލައެއްވެސް ރިޕޯޓްކޮށްފައިވެ އެވެ.
ފުލުހުން ދަނީ މި މައްސަލަތައް މަދުކޮށް ރާއްޖެއަކީ އެންމެންނަށްވެސް އަމާން ތަނަކަށް ހެދުމުގެ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރައްޔިތުންނަށް ހޭލުންތެރި ޕްރޮގްރާމްތަކާއި، ފުލުހުންނަށްވެސް އެތައް ހަރަކާތްތަކެއް ހިންގައި މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރެ އެވެ.




