







ރާއްޖޭގެ ގައުމީ ޓީމު ގަލޮޅު ދަނޑުގައި ކުޅެނީ..
ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖޭގެ ފިރިހެން ޤައުމީ ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ ދެމެޗު ކުޅެން ހަމަޖެހިފައިވާކަމަަށް ފުޓްބޯޅަ އެެސޯސިއޭޝަން އޮފް މޯލްޑްވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އެގޮތުން ކިރިގިސްތާނުގެ ބިޝެކްގައި ކުޅުމަށް ހަމަޖެހިފައިވާ މިދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މިމަހުގެ 28 ވަނަ ދުވަހު ދިވެހި ޓީމުން ނުކުންނާނީ ފީފާ ރޭންކިންގެ 106 ވަނައިގައި އޮތް ކިރިގިސްތާނާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ދިވެހި ޓީމުން ނުކުންނާނީ ފީފާ ރޭންކިންގެ 115 ވަނައިގައި މިވަގުތު އޮތް ލެބަނާން އާއި ދެކޮޅަށެވެ. އަދި ރާއްޖެ މިވަގުތު އޮތީ ފީފާ ރެންކިންގެ 173 ވަނައިގައެވެ.
ރާއްޖޭގެ ގައުމީ ޓީމު އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިއަހަރުގެ ޖޫން މަހު މާލޭގައި ބޭއްވުނު ޑައިމަންޑް ޖުބުލީ އިންވިޓޭޝަނަލް މުބާރާތުގައި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާއި ދެކޮޅަށެވެ. އަދި އެމެޗު 1-1 ގެ ނަތީޖާއަކުން އެއްްވަރުވެފައިވާއިރު، މީގެ ކުރިން ރާއްޖެ އިން ވަނީ ކިރިގިސްތާނުގެ އިތުރުން ލެބަނާން އާއި ދެކޮޅަށް ވެސް ގިނަ މެޗުތަކެއް ކުޅެފައެވެ.
އެގޮތުން ރާއްޖެ އިން މިހާތަނަށް ލެބަނާން އާއި ދެކޮޅަށް ފަސް މެޗު ކުޅެފައިވާއިރު، މި ފަސް މެޗުން ވެސް ދިވެހި ޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ އިންޑާގައި 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައެވެ. އެމެޗުން ލެބަނާނުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުންނެވެ.
މިގެ އިތުރުން ކިރިގިސްތާނާއި ދެކޮޅަށް ރާއްޖެ އިން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު. އޭގެތެރިން ފުރަތަމަ ދެމެޗު ކިރިގިސްތާނުން ކާމިޔާބުކުރިއިރު، އެންމެ ފަހުން ކުޅުނު ދެމެޗު ވެސް ކާމިޔާބުކުރީ ރާއްޖެ އިންނެވެ. އެގޮތުން އޭއެފްސީ ޗެލެންޖް ކަޕްގައި 2011 ވަނަ އަހަރު މިދެޓީމު ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ރާއްޖެ ކާމިޔާބުކުރިއިރު، 20214 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި މިދެޓީމު ކުޅުނު މެޗު ރާއްޖެ އިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މިއަހަރުގެ ނޮވެމްބަރު މަހުގެ އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އިން ލެބަނާން އަދި ކިރިގިސްތާނާއި ދެކޮޅަށް ކުޅޭ އިރު، މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ އިންޑިއާ އަދި ޕާކިސްތާނާއެކު ގުރޫޕް ބީގައެވެ.
ސާފް ޗެމްޕިއަންޝިޕް ފުރަތަމަ މެޗުގައި ނޮވެމްބަރު މަހު އަށްވަނަ ދުވަހު ޕާކިސްތާނާއި ދެކޮޅަށް ކުޅުމަށްފަހު ނޮވެމްބަރު 11 ވަނަ ދުވަހު ގުރޫޕް ފަހު މެޗުގައި ރާއްޖެ އިން ނުކުންނާނީ އިންޑިއާ އާއި ދެކޮޅަށެވެ.








