







ހަބޭސް ބޮޑުބެރު ގްރޫޕް- ފޮޓޯ:ފުލުހުން
ދިވެހި ފުލުހުންގެ "ބްލޫސް ފެމެލީ ނައިޓް" ގައި ބައިވެރިވާން އާންމުންނަށް ހުޅުވާލައިފި އެވެ.
ފުލުހުންގެ ހިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ "ބްލޫސް ފެމެލީ ނައިޓް" މިރޭ ސޯޝަލް ސެންޓަރުގައި އޮންނައިރު، މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުރިހާ ރައްޔިތުންނަށް ވަނީ ހުޅުވާލާފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ޝޯ ކުރިއަށްދާނީ މިރޭ 8:30 އިން 11:00 އަށް ކަމަށެވެ. އަދި މި ޝޯގައި ލައިވް އެންޓަޓެއިންމަންޓާއި، ސަގާފީ ހަރަކާތްތަކާއި، މިއުޒިކާއި، ނެށުމުގެ އިތުރުން ފުލުހުންގެ އެކި ބަހާތަކާއި އެކި ފަންނާނުން ތައްޔާރުކޮށްފައިވާ ހާއްސަ އައިޓަމްތައް ފެނިގެންދާނެކަމަށްވެސް ފުލުހުން ބުންޏެވެ.
މިރޭގެ ޝޯގައި މަޝްހޫރު ފަންނާނު ބާރަށު ޝިޔާމްގެ ހުށަހެޅުންތަކާއި، ހަބޭސް ބޮޑުބެރު ގްރޫޕްގެ ފޯރިގަދަ އައިޓަމްތައް ހިމެނެ އެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ސްޓޫޑެންޓް ޔޫނިއަން ގެ ޑާންސް އަދި ބޮޑުބެރު ގްރޫޕްގެ ހުށަހެޅުންތަކާއި، މަޖާ ކޮމެޑީ އައިޓަމްތައް ވެސް ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، މި ޝޯގައި ފޯރިގަދަ 14 އައިޓަމެއް ފެނިގެންދާނެ އެވެ.
ފުލުހުން ބުނީ ސްޓޭޖް ހަރަކާތްތަކުގެ އިތުރުން، ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ އިތުރުން އާންމު ރައްޔިތުންނަށް އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މި އިވެންޓް ކުރިއަށްދާ ސަރަހައްދުގައި ކާބޯތަކެތި ވިއްކާ ސްޓޯލްތައް ވެސް ގާއިމުކުރެވިފައިވާނެ ކަމަށެވެ.
"ބްލޫސް ފެމެލީ ނައިޓް" އަކީ ފުލުހުންނާއި ފުލުހުންގެ އާއިލާތައް އަދި އާންމު ރައްޔިތުން އެކުވެރި، އުފާވެރި މާހައުލެއްގައި ބައްދަލުވެ، ގުޅުން ބަދަހިކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.







