







ރާއްޖެއާއި ބުރޫނައި ވާދަކުރި މެޗުގެ ތެރެއިން..
މިޔަންމާގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ އޭޝިއަންކަޕް 2027، ކޮލިފިކޭޝަނުގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ބުރޫނާއި ބަލިކޮށް ދިވެހި ޓީމުން ކޮލިފައިންގެ ފެށުން ރަނގަޅުކޮށްފިއެވެ.
މިޔަންމާގެ ޔަންގޮންގެ ތުވުންނާ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރާއްޖެ އިން މެޗު ޑޮމިނޭޓްކުރިއިރު، ދިވެހި ޓީމުން މެޗުގެ ލީޑު ހޯދީ މެޗުގެ 20 ވަނަ މިނެޓުގައެވެ. މިލަނޑު ދިވެހި ޓީމަށް ކާމިޔާބުކޮށްދިނީ އީތަން އިބްރާހިމް ޒަކީއެވެ. މިއީ ބުރޫނާއިގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ރާއްޖެ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު އިލާން އިމްރާނެވެ. މިއީ ނައްސާހު އިބްރާހިމް ނާސިރު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ރާއްޖޭގެ ދެލަނޑަށްފަހު ބުރޫނާއިން ކުރިއަށްޖެހި ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެޓީމު ހަމަލާތައް ދިފާއުކުރުމުގައި ދިވެހި ޓީމުން ވަނީ ރޭވުންތެރިކަމާއެކު މޮޅު ޑިފެންސިވްކުޅުމެއް ކުޅެ ބައިކޮޅަށް ލަނޑެއް ވަނަނުދީ 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ.
މިގުރޫޕްގައި މިއަދު ކުޅުނު އަނެއް މެޗުގައި މިޔަންމާ އިން ވަނީ ފަސޭހަކަމާއެކު 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ސްރީލަންކާ ބަލިކޮށްފައެވެ. އަދި މިނަތީޖާތަކާއެކު ލަނޑުގެ ތަފާތުން ގުރޫޕްގެ އެއްވަނައިގައި މިޔަންމާ އޮތްއިރު ދިވެހި ޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނަ ދެވަނައިގައެވެ. ތިންވަނައިގައި ބުރޫނާއީ އޮތްއިރު، ލަންކާ އޮތީ ގުރޫޕް ފުލުގައެވެ.
ކޮލިފައިންގައި ރާއްޖޭއަށް ކުރިއަށް އޮތީ ސްރީލަންކާއާއި ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު އޮންނާނީ މިހާފްތާގެ ބުރާސްފަތި ދުވަހުއެވެ.
މިފަހަރުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން ކުރިއަށް ގެންދަނީ ދެ ފޭސްއަކަށް ބަހާލައިގެންނެވެ. އެއީ ކޮލިފިކޭޝަން ފޭސްއާއި ޑިވެލޮޕްމެންޓް ފޭސްއެވެ. ކޮލިފިކޭޝަން ފޭސްގައި ރޭންކިންގެ މަތީ ގައުމުތަކުން ކުޅޭއިރު، ރޭންކިންގ ދަށް ގައުމުތައް ކުޅޭނީ ޑިވެލޮޕްމެންޓް ފޭސްގައެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނެނީ ޑިވެލޮޕްމެންޓް ފޭސްގައެވެ. މި ފޭސްގައި ތިން ގޫޕެއް ވާދަކުރާއިރު ރާއްޖެ ހިމެނޭ ގްރޫޕް "ކޭ"ގައި ހިމެނެނީ ސްރީލަންކާ، ބްރޫނާއީ ދާރުއްސަލާމްގެ އިތުރުން މިޔަންމާއެވެ. މި ފޭސްގެ ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމަށް އޭޝިއަން ކަޕް ކޮލިފައިންގެ ކޮލިފިކޭޝަން ފޭސްއިން ޖާގަ ލިބޭނެއެވެ.







