







President Muizzu
އީ-ސްޕޯޓްސް ދާއިރާއަކީ މިހާރު ޒުވާނުން ގިނަ ދާއިރާއެއްކަމަށާއި އެހެންކަމުން އެ ދާއިރާއަށް އިތުރު ކުރިއެރުމާއި ސަމާލުކަން ދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ގެ ހަތަރުވަނަ އެޕިސޯޑުގައި އީ-ސްޕޯޓްސްގައި ޝާމިލުވެ އުޅޭ ޒުވާނަކު ފާޅުކުރި ޝުއޫރުތަކާ ގުޅިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
އޭނާ ވަނީ އީ-ސްޕޯޓްސް އަކީ ހަރަކާތްތެރިވާ ދާއިރާއަކަށް ވާއިރު، އެ ދާއިރާއިން ސްޕޯޓްސް އެވޯޑެއް ނެތުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރާއްޖޭގައި އެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ޙާސިލްކޮށްފައިވާ ޒުވާނުންގެ އަގުވަޒަންކުރެވޭނެ ނިޒާމެއް ނެތްކަން ވެސް ފާހަގަކުރިއެވެ.
މީގެއިތުރުން އެ ކުޅިވަރަށް ދޭ އަހައްމިއްޔަތުކަން އިތުރުވުމަށާއި މިހާރަށްވުރެ ބޮޑަށް އެ ދާއިރާއަށް ސަމާލުކަން ލިބޭނެ ގޮތެއް ހަމަޖައްސާދެއްވުމަށް އޭނާ ވަނީ ރައީސްގެ ކިބައިން އެދިފައެވެ.
މި ވާހަކަތަކަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެއީ ކުރަންޖެހިފައިވާ ކަމެއް ކަމަށާއި ހަގީގަތުގައި ވެސް ވަރަށް ގިނަ ޒުވާނުން އެދާއިރާގައި ހަރަކާތްތެރިވާ ކަމަށެވެ. އަދި އީ-ސްޕޯޓްސް ކުރިއެރުވުމަކީ ސަރުކާރުގެ ލަނޑުދަނޑިއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު ވަނީީ އީ-ސްޕޯޓްސް ސެންޓަރަކާއި އާކޭޑެއް އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެކްޓިވިޓީސް ކޮމްޕްލެކްސްއެއްގެ މަސައްކަތް މާލޭގައި ފަށަން ހަމަޖެހިފައިވާކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ހާމަކުރައްވާފައިވާ ކަމަށެވެ. އެކަމަށް އިޝާރާތްކުރައްވައި ރައީސް ވަނީ، އެތަނުގެ މަަސައްކަތް ކުރުމަށް ބަޔަކު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.








