








-
މާލެ ސިޓީގެ ފަޅުތެރެއަށާއި މަގުމައްޗަށް ޤަވާޢިދާ ޚިލާފަށް ކުނިއަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ އަދި ވީޑިއޯ ކައުންސިލްގެ ޚާއްޞަ ހޮޓްލައިން ނަންބަރަށް ފޮނުވައިދިނުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، މާލޭގެ މަގުމައްޗަށާއި ފަޅުތެރެއަށް ޤަވާޢިދާ ޚިލާފަށް ކުނިއަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ، ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮޓޯ އަދި ވީޑިއޯ ފޮނުވައިދިނުމަށް އެދޭ ކަމަށެވެ. މިއީ މާލޭގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށާއި، ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކުނިއަޅާ ފަރާތްތައް ދެނެގަނެ ޤާނޫނީ ފިޔަވަޅު އެޅުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
މާލެ ސިޓީގެ ފަޅުތެރެ ސާފުކޮށް ބޭއްވުމަށްޓަކައި ކައުންސިލުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނައިރު، ފަޅުތެރެ ސާފުކުރުމުގެ މަސައްކަތަކީ ކޮންމެ ދުވަހަކުވެސް ކައުންސިލުން ހިންގަމުންދާ ހަރަކާތެކެވެ.
މާލެ ސިޓީގެ ވެށި ރީތިކޮށް، ސާފުތާހިރުކަންމަތީ ދެމެހެއްޓުމަށްޓަކައި ކުރަމުންދާ މި މަސައްކަތުގައި ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި، މަގުތަކަށާއި ފަޅުތެރެއަށް ކުނި ނޭޅުމަށާއި، މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ޙިއްޞާކޮށްދިނުމަށް މީގެ ކުރިން ވެސް ސިޓީ ކައުންސިލުން ވަނީ ރައްޔިތުންގެ ކިބައިން އިލްތިމާސްކޮށްފައެވެ.








.jpeg?w=3840&q=75)