








ގެސްޓްހައުސް- ފޮޓޯ: ސޯޝަލް މީޑިއާ
"އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ބާއްވަ މި އެވޯޑްގެ މުއްދަތު އިތުރުކުރީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް އެމްއައިބީ އިން ބުންޏެވެ.
މީގެކުރިން ކުރި އިއުލާނުގައިވަނީ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވާނެކަމަށެވެ. ނަމަވެސް އެމްއައިބީ އިން މި މުއްދަތު އިތުރުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށެވެ.
ގެސްޓްހައުސްތަކާއި ރަށްރަށުގެ އަގުވަޒަން ކުރުމަށް ދޭ ހާއްސަ އެވޯޑަކަށްވާއިރު، މިއީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި، މި ދާއިރާގައި ފާހަގަކޮށްލެވޭ ރަށު ފެންވަރުގެ ހިދުމަތްތެރިންނާށް ދެވޭ އެވޯޑެކެވެ. އަދި މި އެވޯޑް ޖުމްލަ 3 ކެޓަގަރީއަކުން 20 އެވޯޑަށް ދިނުމަށް ހަމަޖެހިފައިވަނީ ، 2 ޓިއަރއަކަށް ބަހަލާއިގެން ގެސްޓްހައުސްތަކަށް 16 އެވޯޑަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނަށް އިންޑިވިޖުއަލް 3 އެވޯޑް އަދި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" ގެ ގޮތުގައި އެންމެ ފާހަގަކޮށްލެވޭ ރަށަށް ދޭ އެވޯޑެވެ.
މި އެވޯޑްގެ އިވެލުއޭޝަން ކަންކަން މިނިވަންކަމާއެކު ކްރޯ މޯލްޑިވްސް އެޑްވައިޒަރީއިން ކުރާއިރު، މިއީ ގެސްޓްހައުސް އެސޯސިއޭޝަނުން ތާއިދުކޮށްފައިވާ ފަރާތެކެވެ.
އެމްއައިބީ އިން ވަނީ މިކަމަށް ޝަރުތުހަމަވާ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ 23:59 ވުމުގެ ކުރިން ބޭނުންވާ ލިޔެކިޔުންތަކާއެކު އެޕްލިކޭޝަން ހުށަހަޅަން އިލްތިމާސްކޮށްފަ އެވެ.




