
-
މާލޭގެ ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގުގައި މިހާރު ހުރި ސްޓެލްކޯގެ ފިއުލް ޕަންޕު ސްޓޭޝަނުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމަށާއި، އެ ޕަންޕް ސްޓޭޝަން މަގަށް ދަތިނުވާނެ ގޮތަށް ބަދަލުކުރުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މީކާއިލް މުޙައްމަދު ރިޔާޟެވެ. މިއީ ތިމާވެއްޓަށް ކުރާނެ އަސަރުތައް ވަޒަންކުރުމުގެ (އީއައިއޭ) މަސައްކަތުގެ ތެރެއިން ކަމާބެހޭ އިދާރާތަކުގެ މަޝްވަރާ ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ.
ބޮޑުތަކުރުފާނު މަގުގައި މިހާރު ފިއުލް ޕަންޕް ސްޓޭޝަން ހުރި ސަރަހައްދަކީ ދުއްވާ އެއްޗެއްސާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ، އަދި ޓްރެފިކް ތޮއްޖެހުން އިންތިހާއަށް ބޮޑު ސަރަހައްދެކެވެ. މަގުގެ އެއްލޭނުގެ ބައެއް އެތަނުގެ ސަބަބުން ބަންދުވެ، ހުޅުމާލެއާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދުފަހަރަށް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަށް މަގުފަހިވާތީ މިއީ އާންމުންގެ ބޮޑު ޝަކުވާއެއް އޮތް ކަމެކެވެ.
މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު މަގުމަތީގައި ހުރި އިމާރާތް އެއްކޮށް ރޫޅާލައި، ފަޅު ތެރެއިން 103 އަކަމީޓަރުގެ ސަރަހައްދެއް ހިއްކައިގެން 330 އަކަފޫޓުގެ އައު ޕަންޕް ސްޓޭޝަނެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޑެޕިއުޓީ މޭޔަރު މީކާއިލް ވިދާޅުވީ، ބޮޑުތަކުރުފާނު މަގުގެ ޓްރެފިކް ފްލޯ ރަނގަޅުކޮށް، އާންމުންނަށް ފަސޭހަކޮށްދިނުމަކީ ސިޓީ ކައުންސިލުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މި މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާއިރު، މަގުގެ ބައެއް ސަރަހައްދުތައް ވަގުތީގޮތުން ބަންދުކުރަން ޖެހުނު ނަމަވެސް، މިއީ މުޅި މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްކަން ކައުންސިލުން ފާހަގަކުރެއެވެ.
މީގެއިތުރުން، މަސައްކަތް ކުރިއަށްދާއިރު ތެޔޮ އެކްސިޑެންޓެއް ހިނގިޔަނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، އައު އިމާރާތާއި ބޭރު ތޮއްޓާ ދެމެދު ކުނި ޖަމާނުވާނެ ގޮތަކަށް އިންޖިނިއަރިންގ ފަރުމާ ބައްޓަންކުރުމަށް ކައުންސިލުން ވަނީ އިރުޝާދު ދީފައެވެ. ތިމާވެށީގެ ހުއްދަތައް ލިބުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފަށާއިރު، ޓްރެފިކް މެނޭޖްކުރުމުގައި ފުލުހުންނާއި ކަމާބެހޭ އިދާރާތަކާއެކު ގާތުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ސިޓީ ކައުންސިލުން ވަނީ ދީފައެވެ.












.jpg?w=3840&q=75)



.jpeg?w=3840&q=75)