








-
މާލޭގެ މަސްޖިދުލް ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) ގެ ތިރީ ފަންގިފިލާގައި ހަރުކޮށްފައި ހުރި ހަތަރު ލައިޓެއް ވަގަށް ނަގައިފިއެވެ.
މި މައްސަލަ ފާހަގަކުރެވުމާއެކު، މާލެ ސިޓީ ކައުންސިލުން ވަނީ މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށް، ތަޙުޤީޤު ކޮށްދިނުމަށް އެދިފައެވެ.
އަދި މިސްކިތް ބޭނުންކުރާ ނަމާދުވެރިންނަށް ދަތިނުވާނޭހެން، ކައުންސިލުން މިހާރު ވަނީ އަލުން އައު ލައިޓްތައް ގަނެ، އެ ތަނުގައި ހަރުކޮށްފައެވެ.
މިސްކިތްތަކަށް ގެއްލުންދީ، ތަކެތި ވަގަށް ނަގަމުންދާ މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މޭޔަރު ވިދާޅުވީ މިސްކިތްތަކުން ވައްކަން ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި، މިފަދަ ޢައިރު ޤާނޫނީ ޢަމަލުތައް ހިންގާ ފަރާތްތައް ވީހާވެސް އަވަހަކަށް ހޯދައި، އެ ފަރާތްތަކަށް ޤާނޫނީ ގޮތުން ދޭންޖެހޭ ޙައްޤު އަދަބު ލިބެންޖެހޭނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން މާލެ ސަރަހައްދުގައި ޖުމްލަ 41 މިސްކިތެއް ބަލަހައްޓަމުންދާއިރު، މިސްކިތްތަކުން ތަކެތި ވަގަށް ނެގުމާއި ގެއްލުން ދިނުމަކީ ދޭތެރެދޭތެރެއިން ތަކުރާރުވަމުން އަންނަ ބޮޑު މައްސަލައެކެވެ.
މިފަދަ ހާދިސާތަކުގެ ސަބަބުން ނަމާދުކުރާ ފަރާތްތަކަށް ދޭ ޚިދުމަތްތަކަށް ބުރޫއަރައި، ސިޓީ ކައުންސިލަށް މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަން ކައުންސިލުން ފާހަގަކުރެއެވެ.








.jpeg?w=3840&q=75)