








ކަރީނާ ކަޕޫރު ޚާން އަދި ޕްރިތްވީރާޖް ސުކުމާރަން. މި ދެ ތަރިން ލީޑް ރޯލުން ފެނިގެންދާ ކްރައިމް ތްރިލަރ ފިލްމު 'ދާޔްރާ' ގެ ޓްރެއިލަރ ވަނީ އާންމުކޮށްފައި
ކާމިޔާބު ޑައިރެކްޓަރ މެގްނާ ގުލްޒާރު ޑައިރެކްޓްކޮށް، ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާން އަދި ސައުތު ސިނަމާގެ ކުޅަދާނަ އެކްޓަރ ޕްރިތްވީރާޖް ސުކުމާރަން ލީޑް ރޯލުން ފެނިގެންދާ އައު ކްރައިމް ތްރިލަރ ފިލްމު 'ދާޔްރާ' ގެ ޓްރެއިލަރ ރަސްމީކޮށް އާންމުކޮށްފިއެވެ.
ޙަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި ދައްކުވައިދެނީ، މުޖުތަމަޢު ސިއްސުވާލާ ފަދަ ބޮޑު ކުށެއްގެ މައްސަލައެއް ތަޙުޤީޤުކުރުމުގެ ތެރޭގައި ދެ ފުލުހެއްގެ ދެމެދުގައި އުފެދޭ ޚިޔާލުތަފާތުވުންތަކާއި ވަރުގަދަ ކުރިމަތިލުންތަކެވެ.
މި ފިލްމުގައި ކަރީނާ ކުޅެނީ ޑީސީޕީ އަޖޫނީ ކޯލީގެ ރޯލެވެ. އަދި ޕްރިތްވީރާޖް ފެނިގެންދާނީ ޑީސީޕީ ރަމަން ކުމާރުގެ ރޯލުންނެވެ. މި ދެ އޮފިސަރުންނަކީ އެއް މައްސަލައެއްގެ ތަޙުޤީޤުގައި ތަފާތު ދެ ވިސްނުމެއް ގެންގުޅޭ ދެ މީހުންނެވެ.
މި ޓްރެއިލަރ އިން އިންސާފާއި، ޤާނޫނާއި، އަޚްލާޤީ މިންގަނޑުތަކާމެދު އުނދަގޫ އަދި ފުން ސުވާލުތަކެއް އުފައްދައެވެ. ޑައިރެކްޓަރ މެގްނާ ގުލްޒާރު ބުނެފައިވާ ގޮތުގައި މި ފިލްމަކީ ކަންކަމުގައި ހުންނަ ރަނގަޅާއި ގޯސް (ކަޅާއި ހުދުގެ) ދެމެދުގައިވާ ހަގީގަތްތައް ހޯދުމަށް މަސައްކަތްކުރާ ފިލްމެކެވެ.
ކަރީނާ އާއި ޕްރިތްވީރާޖް ފުރަތަމަ ފަހަރަށް އެކުގައި ސްކްރީނުން ފެނިގެންދާ މި ފިލްމުގެ ޓްރެއިލާ އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު، މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 18 ސެޕްޓެމްބަރ 2026 ގައެވެ.
https://youtu.be/khru4exyahg?si=WXKL7bHW4Nd733nQ








