






.jpg?w=3840&q=75)

-
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގެ ކަސްޓަމަރ ސާރވިސް ކައުންޓަރ އޭރިއާ ކޮންސެޕްޓް ޑިޒައިންކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކޮށްފިއެވެ.
ޑީއެންއާރުން މަޢުލޫމާތު ދެއްވި ގޮތުގައި، މިދިޔަ އޮގަސްޓު މަހުގެ 2 ވަނަ ދުވަހު މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، މަސައްކަތުގެ ސްކޯޕަށް ބަދަލުގެނައުމަށްފަހު މިހާރު ވަނީ އަލުން އިޢުލާނުކޮށްފައެވެ.
މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތީން، ޑީއެންއާރުގެ ކަސްޓަމަރ ސަރވިސް ކައުންޓަރ އޭރިއާ ކޮންސެޕްޓް ޑިޒައިންކޮށް އެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 09 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޢުލޫމާތު ސާފުކުރުމަށްފަހު، އެ ދުވަހުގެ 13:00 ގެ ކުރިން އެ އިދާރާއަށް ވަޑައިގެން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށްވެސް އެ އިދާރާއިން ބަޔާންކުރެއެވެ.
މި މަސައްކަތަކީ ސަރުކާރުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ބަދަލުކޮށް، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި ޑީއެންއާރުގެ ޚިދުމަތްތައް ލުއިފަސޭހަކުރުމަށް މާލޭގެ އިތުރު 3 ސަރަޙައްދެއްގައި (ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2 އަދި ވިލިމާލެ) އޮފީސް ހުޅުވައި ޚިދުމަތް ދެމުން އަންނައިރު، ރާއްޖޭގެ ހުރިހާ އަތޮޅަކާއި ބައެއް ރަށްރަށުގެ އިތުރުން މެލޭޝިޔާ އަދި ސްރީލަންކާގައިވެސް މިހާރު އަންނަނީ އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.








