






.jpg?w=3840&q=75)

ރައީސުލްޖުމްހޫރިއްޔާ ޑރ.. މުހައްމަދު މުއިއްޒު ---ފޮޓޯ: ރައީސް އޮފީސް
މަގުމަތީ އެކްސިޑެންޓެއްގައްޔާއި އުސް އިމާރާތަކުން ވެއްޓި ދެ ކުޑަކުއްޖަކު ނިޔާވި ހިތާމަވެރި ހާދިސާތަކާ ގުޅިގެން، އެ ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެ، މަގުމައްޗާއި އުސް އިމާރާތްތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަޚަމްވި ކުއްޖަކު ނިޔާވުމާއި، މިއަދު އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވި ޚަބަރަކީ މުޅި ޤައުމަށްވެސް ނުތަނަވަސް އަދި ހިތާމަވެރި އިޙްސާސްތަކެއް ގެނުވި ކަމެއް ކަމަށެވެ.
އަދި މި މަޢުޞޫމް ދެ ކުދިންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވައި، މަރްޙޫމުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާކުރައްވާފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ މިފަދަ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާމެދު ޢާންމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖުތަމަޢު ގުޅިގެން ކުރަންޖެހިފައިވާ ޤައުމީ އަދި އިންސާނީ ވާޖިބެކެވެ. ވަކިން ޚާއްޞަކޮށް، އުސް އިމާރާތްތަކުގެ ކުޑަދޮރުތަކާއި، ބެލްކަނި އަދި ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ނަފްސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތުއްތު ކުދިން ބެލެހެއްޓުމުގައި، އެފަދަ މީހުންނާއި ކުދިން ދިރިއުޅޭ ގެތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި، އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި ޢާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އެޅުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ސަރުކާރާއި، ކުންފުނިތަކާއި، މަދަނީ ޖަމުޢިއްޔާތައް އަދި އެންމެހައި ފަރުދުން ގުޅިގެން، މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތްތެރިކަން ޔަޤީންކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންގޮސްދިނުމަށް އިލްތިމާސްކުރައްވާފައެވެ.








