







އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު އައްޔަންކޮށްފި އެވެ.
ޝިފާޒް އެމަގާމަށް އައްޔަންކުރަން ފާސްކުރީ، އެމްޑީޕީ ގައުމީ މަޖްލީހުން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި 34 މެންބަރުންގެ ތެރެއިން 30 މެންބަރުންގެ ވޯޓާ އެކު ގައެވެ.
އެމްޑީޕީގައި މީގެ ކުރިންވެސް އިސްދައުރެއް އަދާކުރެއްވި ޝިފާޒު ވަނީ ޕާޓީތެރޭގައިު އުފެދުނު ހިޔާލުތަފާތުވުންތަކާއެކު 2023ވަނަ އަހަރު އެމްޑީޕީން ވަކިވެވަޑައިގެން، އޭރު ރައީސް ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ.
ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސްގެ މަގާމް އަދާކުރެއްވުމަށްފަހު ޝިފާޒް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ 2025ވަނަ އަހަރު އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕަސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަބްދުالله ޝާހިދު ވާދަކުރައްވާނެކަން އިއުލާންކޮށްފައިވާތީ ކެމްޕޭނުގައި ހަރަކާތްތެރިވުމުގެ ގޮތުންނެވެ.



