






ދިވެހިރާއްޖޭގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ޑިޓެއިންކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި ފަރާތްތައް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައީ ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ކަމަށެވެ.
މިއީ ގަވާއިދާ ހިލާފަށް ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ދައުލަތުގެ ކަމާގުޅޭ ފަރާތްތައް ގުޅިގެން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސްއިން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ހިންގުނު އޮޕަރޭޝަންތަކެކެވެ.
ފުލުހުން ވިދާޅުވީ މިހާތަނަށް ތަހުގީގުން އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފާއިތުވި 3 އަހަރުގެ ތެރޭގައި މި 6 ފަރާތުގެ ބޭންކް އެކައުންޓްތަކުގައި ޖުމްލަ 54,429,550.00 (ފަންސާސް ހަތަރު މިލިއަން ހަތަރުލައްކަ ނަވާވީސްހާސް ފަސްސަތޭކަ ފަންސާސް) ދިވެހި ރުފިޔާ ދައުރުކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން 1,627,810 (އެއްމިލިއަން ހަސަތޭކަ ހަތާވީސްހާސް އަށްސަތޭކަ ދިހަ) ޔޫއެސް ޑޮލަރު މި އެކައުންޓްތަކުން ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި މި ފަރާތްތަކަކީ ރާއްޖޭގައި މަސައްކަތް ކުރުމަށް އެމީހުންނަށް ހުއްދަދެވިފައިވާ ދާއިރާގެ ބޭރުން، ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވަމުން އައި ފަރާތްތަކެކެވެ.



