
މަޖިލީހުން ބިލްތައް ފާސްކުރަނީ ކަމާބެހޭ މާހިރުންގެ ލަފާ ނުހޯދާކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފިއެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ސަރުކާރުން ހުށަހަޅާ ބިލްތައް ތަޅުމުގައި އެކަށީގެންވާ ބަހުސެއް ނުކޮށް ކޮމިޓީތަކަށް ފޮނުވަމުންދާ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ކޮމިޓީ މަރުހަލާގައި ވެސް ހަމައެކަނި އެޓާނީ ޖެނެރަލްގެ ލަފައަކަށް ބުރަވެ، ސަރުކާރުން އެދޭ ގޮތަށް ކަންކަން ނިންމަމުންދާ ކަމަށާއި ޖަލްސާގެ ފުރަތަމަ ދަންފަޅީގައި ބިލެއްގެ ފުރަތަމަ ކިއުން އިއްވުމަށްފަހު، އެ ދުވަހެއްގެ މެންދުރުގެ ވަގުތެއްގައި އިބްތިދާއީ ބަހުސް ކުރިއަށް ނުގޮސް އުޅެނިކޮށް ކޮމިޓީއަށް ފޮނުވާލާކަން ފާހަގަކުރެއްވިއެވެ.
މައުރޫފް ވަނީ ދާއިރާގެ ތަޖުރިބާކާރުން ހާޒިރުކުރުމެއް ނެތި ކޮމިޓީ މަރުހަލާ ނިންމާލާތީ، އެއީ މަޖިލީހުގެ “ޑިއު ޕްރޮސެސް” ފުރިހަމަކޮށްގެން ފާސްކުރެވޭ ބިލްތަކެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، މަޖިލީހުގެ މަސައްކަތްތައް އުސޫލުން ބޭރުން އަވަސްއަރުވާލައިގެން ކުރިއަށް ގެންދިއުމަކީ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ވެސް އެމްޑީޕީން ފާހަގަކޮށްފައި ވެއެވެ.














.jpeg?w=3840&q=75)
