







ސްޕެޝަލް ޕްރޮޓެކްޝަންގެ މުވައްޒަފުންނަށް “ޕެޕަރ ޕިސްތަލް އަދި ޔޫސް އޮފް ފޯސް” ރިފްރެޝަރ ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 25 އިން 30 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ހަތިޔާރު ހިފައިގެން ޑިއުޓީއަދާކުރާ ފުލުހުން، “ހަތިޔާރު ހޯދުމާއި ގެންގުޅުމާ އަދި ބޭނުންކުރުމުގެ ގަވާއިދު” ގެ ދަށުން ކޮންމެ ފުލުހަކު ވެސް ފުރިހަމަކުރަންޖެހޭ ހާއްސަ ތަމްރީނެކެވެ.
މި ޕްރޮގްރާމުގެ މަގުސަދަކީ އޮޕަރޭޝަނަލް މައިދާނުގައި ހަތިޔާރާއި ބާރުގެ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި، ގާނޫނީ އިމުގެ ތެރެއިން އެންމެ އެކަށީގެންވާ ރަނގަޅު އުސޫލުތައް ބޭނުންކުރާނެ ގޮތް އުނގަންނައިދިނުމާއި ބާރުގެ ބޭނުންކުރުމަށްފަހު އަމަލުކުރަންޖެހޭ އިޖުރާއަތްތަކާއި، ކޮންމެ ހާލަތެއްގައި ވެސް ފުލުހުންގެ އަމަލުތަކަށް ޖަވާބުދާރީވުމުގެ މުހިންމުކަން ހަނދާންކޮށްދީ، މިފަދަ ކަންކަމުގެ ހޭލުންތެރިކަން އިތުރުކޮށް ކުށުގެ ތުހުމަތުގައި މީހުން ހައްޔަރުކުރުމާއި ބަންދުކުރުމުގައި އަމަލުކުރަންޖެހޭ ގާނޫނީ އަދި އިޖުރާއީ ހަމަތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމެވެ.
އޭގެ އިތުރުންވެސް ފުލުހުންގެ ހުނަރުތައް ތާޒާކޮށް، އަމަލީ މައިދާނުގައި ދިމާވާ އެކި ހާލަތްތަކުގައި ހަތިޔާރާއި ބާރުގެ ބޭނުން އެންމެ ރައްކާތެރި އަދި އެންމެ އެކަށީގެންވާ ގޮތުގައި ހިފާނެ ގޮތްތަކަށް އަހުލުވެރިކުރުވުމަކީވެސް މި ޕްރޮގްރާމުގެ މަގްސަދެއްކަމަށް ފުލުހުން ވިދާޅުވި އެވެ.
މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މި ދާއިރާއިން ހާއްސަ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ސްޕެޝަލް ޕްރޮޓަކްޝަންގެ ސެޓިފައިޑް އިންސްޓްރަކްޓަރުންނެވެ.



