







ލިއޮނަލް މެސީ
ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައި، އެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
20 އަހަރު ގައުމީޓީމަށް ކުޅުމަށްފަހު، އުމުރުން 39 އަހަރުގެ މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައިވަނީ މިއަދު އެވެ. މެސީ ގައުމީ ޓީމަށް ކުޅުނު އެންމެ ފަހު މެޗަކީ މިއަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯ ގުޅިގެން ބޭއްވި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗެވެ. އަދި އެމެޗުން 1-0 ގެ ނަތީޖާއަކުން އާޖެންޓީ ބަލިވެފައިވާއިރު، އެއީ އާޖެންޓީނާގެ ޖާޒީގައި މެސީ ކުޅުނު ތިންވަނަ ވޯޑްކަޕް ފައިނަލެވެ.
މެސީ ހާމަކުރި ގޮތުގައި، ޤައުމީ ޓީމުން ވަކިވުމުގެ މެސެޖު އޭނާ ލިޔުނީ ފައިނަލް މެޗަށްފަހު ޖުލައި 21 ގައެވެ. ނަމަވެސް އެ ނިންމުން އިޢުލާންކުރުން ލަސްކުރީ، މި މަހުގެ ކުރީކޮޅު އޭނާގެ ބައްޕަ ހޯހޭ މެސީ މަރުވުމާ ގުޅިގެންނެވެ. މެސީގެ ކާމިޔާބު ކެރިއަރުގައި މުހިންމު ދައުރެއް އަދާކުރި އަދި އޭނާގެ އެޖެންޓެއްގެ ގޮތުގައިވެސް މަސައްކަތްކުރި ބައްޕަ ހޯހޭ މެސީ، ޢުމުރުން 68 އަހަރުގައި މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު މި މަހުގެ 8 ވަނަ ދުވަހު ރޮޒާރިއޯގައެވެ.
ޤައުމީ ޓީމާ ދުރަށް ދިއުމަކީ އަދިވެސް ހިތަށް ވަރަށް ތަދުވާ ނިންމުމެއް ކަމަށް މެސީ ބުންޏެވެ. އަދި ޤައުމީ ޓީމަށް އޭނާގެ ފަރާތުން އަބަދުވެސް ހުރިހާ އެއްޗެއް ދިން ކަމަށާއި، ޓީމާއެކު ހޯދުނު ކާމިޔާބީތަކާމެދު ފަޚުރުވެރިވާ ކަމަށްވެސް އޭނާ ބުންޏެވެ.
"އަހަރެންގެ ހުރިހާ ހަކަތައެއް ހުސްކޮށްފިން، ދެން އިތުރަށް ދޭނެ އެއްޗެއް ނެތް. މިހާރު ފުރުޞަތު ޙައްޤުވާ މޮޅެތި ޒުވާން ކުޅުންތެރިން އެބަތިބި،" މެސީ ބުންޏެވެ.
މީގެއިތުރުން، އޭނާގެ މުޅި ބައިނަލްއަޤްވާމީ ކެރިއަރުގައި އާޖެންޓީނާގެ ސަޕޯޓަރުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރަމުން މެސީ ބުނީ، މީގެފަހުން އޭނާ ޓީމަށް އެއްބާރުލުންދޭނީ ސަޕޯޓަރެއްގެ ގޮތުގައި ދަނޑު ބޭރުން ކަމަށެވެ.
މެސީގެ ބައިނަލްއަޤްވާމީ ފުޓްބޯޅަ ޙަޔާތުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި، 2008 އޮލިމްޕިކް ރަންމެޑަލް، 2021 އަދި 2024 ވަނަ އަހަރު ކޮޕާ އެމެރިކާ ކާމިޔާބުކުރުމުގެ އިތުރުން 2022 ވަނަ އަހަރު ޤަޠަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން މެސީ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް 207 މެޗު ކުޅެ 125 ލަނޑު ކާމިޔާބުކޮށްދީފައެވެ.







