







ދ. ކުޑަހުވަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފި އެވެ.
އެމްޓީސީސީން މިއަދު އާއްމުކޮށްފައިވާ ޕްރޮޖެކްޓް މައުލޫމާތަށް ބަލާއިރު، ދ. ކުޑަހުވަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން ކީ-ވޯލް އިންސްޓޯލް ކުރުމުގެ މަސައްކަތް އެކުންފުނިން އަންނަނީ ކުރަމުންނެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ދ.ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގައި 103122 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި ، 5545 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 180 މީޓަރުގެ ބޭރުތޮއްޓެއް ލުމުގެ އިތުރުން 372 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 115 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.މީގެއިތުރުން، 70 މީތަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 90 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 2265 އަކަ މީޓަރުގެ ޕޭވްމެންޓެއް ހެދުމުގެ އިތުރުން، ބަނދަރު ބައްތި އާއި މޫރިންގް ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.މި މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 83.3 މިލިޔަން ރުފިޔާއަށެވެ.



