








ހިސާން ހުސައިން، އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ހިސާން ވިދާޅުވީ އެ މަގާމަށް އައްޔަންކުރެއްވީ އެއިރުގެ ޕާޓީގެ ރައީސްގެ އިސްނެންގެވުމަށް ކަމަށެވެ. އެހެންކަމުން އެ މަގާމުގެ މެންޑޭޓް ގުޅިފައި އޮތީ ޕާޓީގެ ރައީސްގެ މެންޑޭޓާ ކަމަށެވެ.
ޕާޓީގެ ރައީސް އިސްތިއުފާ ދެއްވި ހިސާބުން އައު މެންޑޭޓެއް ނެތި އެ މަގާމުގައި ދެމިހުންނެވުމަކީ ޑިމޮކްރެސީގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހިސާން ވިދާޅުވިއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު މިހާރު އޮތް ގޮތުން ނައިބު ރައީސަކީ ޕާޓީގެ އާންމު މެންބަރުންގެ ސީދާ ވޯޓަކުން އިންތިހާބުކުރާ މަގާމަކަށްވާއިރު، ހިސާން އެ މަގާމަށް ވަޑައިގެންނެވީ ޕާޓީގެ ރައީސް ނަން ހުށަހެޅުއްވައިގެން އައްޔަންކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.
ހިސާން ވަނީ "ޕާޓީގެ ރަސްމީ މަގާމެއްގައި އޭނާ ނެތް ކަމުގައިވީނަމަވެސް ޕާޓީގެ އާންމު މެންބަރެއްގެ ހައިސިއްޔަތުން ޕާޓީގެ ކުރިއެރުމަށާއި ޕާޓީއަށް ހިދުމަތް ކުރުމުގައި އަބަދުވެސް ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޕާޓީގެ ލީޑަޝިޕަށާއި އެންމެހައި ލޮބުވެތި މެންބަރުންނަށް އަރުވާފައެވެ. އަދި ހިސާން ވަނީ އެ މަގާމުގައި ހިދުމަތްކުރެއްވި ދުވަސްވަރު ޕާޓީގެ ހުރިހާ ފަރާތްތަކުން ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.







