







ރޮޖާރ، ޖޮއާއު ޕެޑްރޯ އަދި ކޯލް ޕާމާ، ލަނޑުޖެމަށްފަހު އުފާފާޅުކުރަނީ...
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބްރައިޓަން 4-3 ގެ ނަތީޖާއަކުން ބަލިކޮށް ޗެލްސީ އިން ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން ރަށުން ބޭރުގައި ފުލަމް އަތުން މޮޅުވެފައިވާއިރު، ބްރައިޓަންގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއަކުން އެސްޓަން ވިލާ ބަލިކޮށްފައެވެ.
ޗެލްސީގެ ސްޓޭމްފޯޑް ބްރިޖުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައެވެ. މިލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ރޮމެއޯ ލަވިއާ އެވެ. އަދި އޭގެ 10 މިނެޓު ފަހުން ޕެޑްރޯ ނެޓޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ޗެލްސީގެ ލީޑު ފުޅާކޮށްދީފައެވެ.
މިމެޗުގައި ޗެލްސީގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ޖޮއާއު ޕެޑްރޯ އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ބްރައިޓަންގެ މާލިކް ޔަލްކޫޔީ ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ބްރައިޓަން އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑަކީ ބްްރައިޓަންގެ ކުޅުންތެރިއަކު ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޗެލްސީގެ ޖޮއާއު ޕެޑްރޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ޗެލްސީގެ ހަތަރުވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި މިޑްފިލްޑަރު ކޯލް ޕާމާ ކާމިޔާބުކުރިއިރު، ބްރައިޓަންގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ޕާސްކަލް ގްރޮސް އެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-3 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގައި ޗެލްސީ އާއި އަލަށް ގުޅުނު އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ފުރަތަމަ އެގާރައިގައި ހިމެނިގެންކުޅުނު ނަމަވެސް ފުރަތަމަ މެޗެކޭ އެއްގޮތަށް މިމެޗުގައި ވެސް ޗެލްސީގެ ގޯލާއި އަމާޒުވާ ހަމަލާތައް ހުއްޓުވުމުގައި އެޓީމަށް އެންމެ ރަނގަޅު ކުޅުން ދެއްކިފައި ނުވެއެވެ.
މިނަތިޖާއެކު ލީގުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި ޗެލްސީ އޮތްއިރު، ލީގުގައި ކުޅުނު ދެމެޗުގައި އެޓީމުކޮޅަށް ވަނީ ފަސް ލަނޑު ވަދެފައެވެ. އަދި މެޗުން ބަލިވި ބްރައިޓަން އިން ލީގުގައި ކުޅުނު ދެމެޗުން ހޯދޮ ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ.



