







ޔުނައިޓެޑްގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އިޕްސްވިޗް އާއި ދެކޮޅަށް ކުޅުނު މެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑުން ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ލީގުގައި ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި ހަލް ސިޓީ އަތުން ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި އިޕްސްވިޗް ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ސަންޑަލޭންޑް ބަލިކޮށްފައެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މިމެޗުގައި ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިޕްސްވިޗް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ލިއިފް ޑޭވިސް އެވެ.
ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ބުރޫނޯ ފެނާންޑޭސް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމުގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެެގެންމެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދާފައެވެ. އަދި މިލަނޑަކީ އިޕްސްވިޗްގެ ޑިފެންޑަރު ޖަކޯބް ގްރޭއިވްސް އަތުން ބައިކޮޅަށް ވަނަ ލަނޑެކެވެ.
ޔުނައިޓެޑްގެ ތިންވަނަ ލަނޑާއި އަދި ހަަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 61 ވަނަ މިނެޓާއި 68 ވަނަ މިނެޓުގައި ކާމިޔާބުކޮށް ކެޕްޓަން ބުރޫނޯ ފެނާންޑޭސް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، އެޓީމުގެ ފަސްވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރަޔަން އެމްބުއުމޯ އެވެ.
މީގެ އިތުރުން މިމެޗުގައި އިޕްސްވިޗްގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ފޯވާޑް ޗޫބާ އަކްޕޮމް ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑްގެ ކެޕްޓަން ބުރޫނޯ ފެނާންޑޭސް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ދެމެޗުން ހޯދި ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 10 ވަނައިގައި އޮތްއިރު، މިމެޗުން ބަލިވި އިޕްސްވިޗް ލިގުގައި ކުޅުނު ދެމެޗުން ހޯދި ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 12 ވަނައިގައެވެ.



