








މެސީ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
އެމެރިކާގެ މޭޖާރ ލީގު ސޮކާ އީސްޓަން ކޮންފަރެންސް ލީގުގަައި މިއަދު އަމިއްލަ ދަނޑުގައި އެފްސީ މިންޓްރިއަލް އާއި ދެކޮޅަށް ކުޅުނު މެޗު 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އިންޓަ މިއާމީ އިން ފަސް މެޗަށް ފަހު ފުރަތަމަ މޮޅު ހޯދައިފިއެވެ.
އިންޓަ މިއާމީ އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް އެޓީމަށް މޮޅެއް ހޯދިފައި ނުވާއިރު، އޭގެ ތެރެއިން ހަތަރު މެޗުން ބަލިވެފައިވާއިރު. އަނެއް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި މޮންޓްރިއަލް އެންމެ ފަހުން ކުޅުނު މެޗުގައި ލޮސްއެޖަލެސް ގެލެކްސީ އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، އިންޓަ މިއާމީ އާއި ދެކޮޅަށް މޮންޓްރިއަލް އެންމެ ފަހުން ކުޅުނު ހަަތަރު މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.
އިންޓަ މިއާމީގެ އެންޔޫ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އިންޓަ މިއާމީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އިންޓަ މިއާމީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި އެޓީމުގެ ކެޕްޓަން ލިޔޮނަލް މެސީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެލެގްޒެންޑަރ ޝޯ، ކަސަމީރޯ އަދި ލުއިސް ސުއަރޭޒް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ މިންޓްރިއަލްގެ ޑިފެންޑަރު ލޫކާ ޕެޓްރަސޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މިގެ އިތުރުން މިމެޗުގައި މޮންޓްރިއަލްގެ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ފޯވާޑް ފަބިއަން ހާބާސް ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ އެވެ.
މިމެޗުގައި މެސީ ކާމިޔާބުކުރި ހެޓްރިކަކީ ކުލަބަށާއި ގައުމީ ޓީމަށް އޭނާ މިހާތަނަށް ކާމިޔާބުކުރި 62 ވަނަ ހެޓްރިކެވެ. އަދި މިމެޗުގައި މެސީ ކާމިޔާބުކުރި ތިން ލަނޑާއެކު ކުލަބަށާއި ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު ވަނީ 925 އަށް އަރާފައެވެ.
މީގެ އިތުރުން މި މެޗުގެ ނަތީޖާއެކު ލީގުގައި ކުޅުނު 22 މެޗުން އިންޓަ މިއާމީއަށް 42 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައިއެވެ. އަދި ލީގުގައި ކޮންމެ ޓީމަކަށް ބާކީ އަށް މެޗު އޮތްއިރު، އެއްވަނައިގައި އޮތް ނަޝްވިލް އެސްސީ އާއި އިންޓަ މިއާމީ އާއި ދެމެދު 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.




