







ހުޅުމާލެ ފޭސް 2 ގައި ކާރަކާއި ސައިކަލެއް ޖެހިގެން މިއަދު ހިނގައިގެން އުޅޭ އެކްސިޑެންޓް
ހުޅުމާލެ ފޭސް 2 ގައި އަނެއްކާވެސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ފޭސް 2 ގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކަމަށެވެ.
މި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 07:44 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އަދި މި ހާދިސާގައި 2 މީހަކަށް އަނިޔާވެފައިވާއިރު، އެއީ ސައިކަލު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެނާއާއި، ފަހަތުގައި އިން 24 އަހަރުގެ ދިވެހި ފިރިހެނާއަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ދެމީހުންނަށްވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.







