
-
ފާސްކޮށް ޢަމަލުކުރެވެމުންދާ ތ. ކަނޑޫދޫގެ ބިނާވެށި ޕްލޭނާ އެއްގޮތަށް، ދިރޭތަކެތި ގެންގުޅުމަށް (ޕޯލްޓްރީ ފާމިންގއަށް) ކަނޑައަޅާފައިވާ ސަރަޙައްދުން 08 ބިމެއް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން އިޢުލާނުކޮށްފިއެވެ.
ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކޮންމެ ބިމެއްގެ ބޮޑުމިނަކީ 2,400 އަކަފޫޓެވެ.
އަދި ބިން ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 15 އަހަރު ދުވަހުގެ މުއްދަތަށެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވާން 1 އަހަރަށްވުރެ ކުޑަވުމުން މުއްދަތު އިތުރުކުރުމަށް އެދުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި، ޤަވާއިދުން ކުލި ދައްކައި އެކަށީގެންވާ ގޮތެއްގައި ބިމުގެ ބޭނުންކުރާ ފަރާތްތަކަށް މުއްދަތު އިތުރުކޮށްދިނުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވާ ކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދެއެވެ.
މި ބިންތައް ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 އޮގަސްޓް 30 ވަނަ ދުވަހުން ފެށިގެން 2026 ސެޕްޓެމްބަރ 02 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް ބީލަން ރަޖިސްޓަރީ ކުރާ ފޯމު ހުށަހަޅައި ބީލަމުގައި ރަޖިސްޓަރީ ވާންޖެހޭނެއެވެ.
ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ފޯމު ލިބެން ހުންނާނެއިރު، ކައުންސިލްގެ އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބީލަން ރަޖިސްޓަރީ ކުރެވޭނެއެވެ. ބީލަން ފޮތެއްގެ އަގަކީ 100 (އެއްސަތޭކަ) ރުފިޔާއެވެ.
މިކަމަށްޓަކައި ބާއްވާ ޕްރީ ބިޑް މީޓިންގ ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2026 ސެޕްޓެމްބަރ 03 ވަނަ ދުވަހު މެންދުރުފަހު 13:30 ގައި ކަނޑޫދޫ ކައުންސިލް އިދާރާގައިއެވެ.
އަދި ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުން އޮންނާނީ 2026 ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކަނޑޫދޫ ކައުންސިލް އިދާރާގައިއެވެ.










