







އެމްއެމްއޭ
އިންޝުއަރެންސް ގާނޫނުގެ ދަށުން ދެ ގަވައިދަކަށް އަމަލުކުރަން ފަށައިފި އެވެ.
ސަރުކާރުގެ ގެޒެޓްގައި މި މަހުގެ 27 ވަނަ ދުވަހު ޝާއިއުކޮށް އަމަލުކުރަން ފަށާފައިވާ 2 ގަވައިދަކީ " އިންޝުއަރެންސް، ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ ގަވައިދު" އަދި "އިންޝުއަރަންސް އާންމު މާއްދާތަކު" ގެ ގަވާއިދު އެވެ.
މީގެތެރެއިން ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ ގަވައިދުގެ މައިގަނޑޫ މަގްސަދަކީ ރާއްޖޭގައި ހުރި ރިސްކުތަކުގެ ގޮތުގައި ބަލާނެ ކަންކަން ކަނޑައެޅުމާއި، އެފަދަ ރިސްކެއް ކަވަރުކުރުމަށް ރާއްޖޭގައި ލައިސަންސް ލިބިގެން ހިންގާ އިންޝުއަރަންސް ކުންފުންޏަކުން ޕޮލިސީ ނެގުމުގެ އިލްޒާމުން އިސްތިސްނާ ދެވޭނެ ހާލަތްތައް ބަޔާންކުރާއިރު، އޭގެތެރޭގައި އެމްއެމްއޭގެ ވެބްސައިޓުގައި އާންމުކުރާ ހާލަތްތައް އަދި އިސްތިސްނާއަށް އެދި އޮތޯރިޓީއަށް ހުށަހެޅޭނެ އުސޫލުތައް ހިމެނެ އެވެ.
ދެވަނަ ގަވައިދަކަށް އަމަލުކުރަން ފަށާފައިވާ އިންޝުއަރަންސް އާންމު މާއްދާތަކުގެ ގަވައިދުގައި ބަޔާންކޮށްފައިވަނީ މި ގަވައިދުގެ ދަށުން އިދާރީ ފިޔަވަޅުތައް އަޅާނެ ގޮތްތަކާއި، އިންޝުއަރެންސް ވިޔަފާރި ސޮލިސިޓްކުރުމުގެ ހުއްދަ އޮންނަ ދާއިރާތައް އަދި އިންޝުއަރެންސް ބްރޯކަރުންނަށް ލައިސަންސް ދޫކުރުމުގައި ބަލާނެ މިންގަނޑުތަކާއި، ލައިސަންސަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތުތައްވެސް މި ގަވާއިދުގައި ހިމެނެ އެވެ.
މިއީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި އިންޝުއަރަންސް ގާނޫނުގެ ދަށުން އެކުލަވާލެވުނު ގަވާއިދުތަކެކެވެ. އަދި މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އިންޝުއަރަންސް ދާއިރާގެ ފެންވަރު ހިފަހައްޓައި، ޕޮލިސީ ނަގާފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް، ދާއިރާގައި ވާދަވެރިކަން އިތުުރުކުރުމެވެ.



