






ކޮންގްރެސް ޕާޓީގެ ނޫސްވެެރިންގެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ގާފު
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ކޮންގްރެސްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި އަންނަ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ޕާޓީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދު ﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މަތީ މަޖިލިސްގެ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ކޮންގްރެސްގެ ތައްޔާރީތައް މާލެއާއި މުޅި ރާއްޖެތެރޭގައި ވަރަށް ފޯރިއާއި ޖޯޝުގައި ތައްޔާރުވުމަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
ފިރުޒުލް ވިދާޅުވީ މަތީ މަޖިލިސްގެ މުހިންމު މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އިންތިހާބުކުރެވޭ މަގާމުތަކަކީ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި 6 ބޭފުޅަކު އަދި ޕާޓީގެ މެންބަރުންގެ ގޮތުގައި ބޭފުޅުން އިންތިހާބުކުރެވޭނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
"މިގޮތުން މެންބަރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި 18 މެންބަރުން އަދި އޭގެ އިތުރަށް މެންބަރުން މަޖިލީހަށް ހާއްސަކޮށް ޒުވާނުންގެ ގޮތުގައި އިންތިހާބުކުރެވިގެންދާނެ 7 މެންބަރުން އަދި މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރެވޭ އަންހެން ބޭފުޅުގެ ގޮތުގައި 10 ބޭފުޅުން (އަންހެނުންނަށް ހާއްސަ ކުރެވޭ ގޮނޑިތަކަށް)" ފިރުޒުލް ވިދާޅުވި އެވެ.
މީގެއިތުރަށް ޕާޓީގެ އަންހެނުންގެ ހަރަކާތަށް އަދި ޒުވާނުންގެ ހަރަކާތަށް 4 މަގާމަކަށް ކޮންގްރެސްގެ ތެރޭގައި އިންތިހާބު ބޭއްވި ވޯޓުލުން ކުރިއަށް ގެންދެވޭނެކަމަށްވެސް ފިރުޒުލް ފާހަގަކުރި އެވެ. އެގޮތުން އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތައް ރައީސްއަކާއި ރައީސާއަކާއި، ނައިބު ރައީސްއަކާއި ނައިބު ރައީސްއަކާއި އަދި އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތުގެ ސެކެޓްރީ އަދި ހަޒާންދާރަށްވެސް އިންތިހާބުކުރެވިގެންދާނެކަމަށް ފިރުޒުލް ވިދާޅުވި އެވެ.
މީގެއިތުރުން ފިރުޒުލް ވިދާޅުވީ ޕާޓީގެ ލީޓާޝިފުންނާއި ޕާޓީގެ ނިންމުންތައް ނިންމުމާއި ގުޅޭ ގުނަންތަކުން މި ތާރީހު ނިންމާފައިވާއިރު، މިކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ޑިޖިޓަލް ޕޯޓަލެއްގެ ތެރެއިން ކަމަށެވެ. އަދި އެ ޕޯޓަލްގެ ތަފްސީލްތައް މިއަންނަ މަހުގެ 1 ވަނަ ދުވަހު ފެށިގެން ޕާޓީގެ ވެބްސައިޓުން ލިބޭނެކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ.
ޕޯޓަލް މެދުވެރިކޮށް ހުރިހާ ފަރާތްތަކުންވެސް މަގާމަށް ކުރިމަތިލުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ކަމާއި، އެޕްލިކޭޝަން ހުށަހަޅާއިރު މުހިންމުކަންކަން ދޭންވީކަންކަން ފިރުޒުލް ފާހަގަކުރި އެވެ.
"އެ ޕޯޓަލް މެދުވެރިކޮށް ހުރިހާ ބޭފުޅުންނަށްވެސް މަގާމުތަކަށް ކުރިމަތިލުމުގެ އެންމެހައި ކަންކަން ކުރިއަށްގެންދެވޭނެ. އެޕްލިކޭޝަން ހުށަހެޅުމާ ގުޅޭގޮތުން މުހިންމު ދެތިންކަމެއް އަޅުގަނޑު ފާހަގަކޮށްލާނަން. އެޕްލިކޭޝަން ހުށަހަޅާއިރު އެޕްލިކޭޝަން ހުށަހަޅުއްވާ ކޮންމެ ބޭފުޅަކުވެސް، މާނަައަކީ ކޮންމެ މަގާމަކަށް ވާދަކުރައްވާ ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅެއްގެ އައިޑީކާޑު މައުލޫމާތު ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެ. އޭގެ އިތުރަށް ޕޮލިސް ރިކޯޑް އަދި އެހެންމެ ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން ސާފުކޮށްފައިވާ ކުށުގެ ރިކޑް ހުށަހަޅުއްވަން ޖެހޭނެ ދެން އޭގެއިތުރަށް އެ ބޭފުޅެއްގެ ފޮޓޯއެއް" ފިރުޒުލް ވިދާޅުވި އެވެ.
މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މިއަދުން ފެށިގެން މި މައުލޫމާތު ހޯދުމަށް ފިރުޒުލްވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ރިކޯޑްތައް ހުށަހަޅަންޖެހޭނީ އެއްމަސްދުވަހުގެ ލިޔެކިޔުންތަކެއްކަމަށް ފިރުޒުލް ފާހަގަކުރިއިރު،އެއަށްވުރެ ދުވަސްވެފައިވާ ލިޔެކިޔުމެއް ހުށަހަޅައިފިނަމަ އަލުން ރެކޯޑްތައް އާކުރަންޖެހޭނެކަމަށް ފިރުޒުލް ވިދާޅުވި އެވެ.



