








-
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަންކަން ކުރެއްވުމުގެ ވައްޓަފާޅިއާއި ސްޕީޑު މާ ބޮޑަށްވެސް ތަފާތު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު ފައިމަގުގައި މާލެއިން ވިލިމާލެއަށް ވަޑައިގެންނެވި ތާރީޚީ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތުމަށްފަހު، "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި ދައުލަތުގެ ބައެއް އިސްވެރިންވެސް މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަޒީރު ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަސައްކަތަކީ ނިމިދިޔަ ސަރުކާރުން ފެށި މަސައްކަތެއްކަމާ މެދު ސުވާލެއް ނުއުފައްދާ ކަމަށާއި ސުވާލު އޭރުވެސް އުފެއްދީ އެސަރުކާރުން އެމަސައްކަތް ނިންމާނެ ކަމާއިމެދު ކަމަށެވެ. އަދި މިހާރު ފެންނަމުންދާ މަންޒަރުން ހާމަވެގެންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަންކަން ކުރެއްވުމުގެ ވައްޓަފާޅިއާއި ސްޕީޑު މާ ބޮޑަށްވެސް ތަފާތުކަން ކަމުގައި ޝިޔާމް ފާހަގަކުރެއްވި އެވެ.
މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބުރިޖުގެ ދަށުން، މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓު ގުޅާލާފައިވަނީ ނިމިދިޔަ ހަފުތާގެ ތެރޭގައެވެ. 2022 ވަނަ އަހަރު އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ފެށި މި މަޝްރޫޢުގެ ދުވެލި މީގެކުރިން މަޑުޖެހިފައި އޮތް ނަމަވެސް، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާއެކު ކުރެއްވި މަސައްކަތުން މިހާރު ވަނީ މަޝްރޫޢުގެ ދުވެލި ވަރަށް ބޮޑަށް އަވަސްކޮށްފައެވެ.
މިދިޔަ ސަރުކާރުގެ ދައުރު ނިމުނުއިރު ބުރިޖުގެ ނިމިފައިވަނީ ގާތްގަނޑަކަށް %30 މަސައްކަތް ކަމަށްވީ ނަމަވެސް، މިހާރު މި މަޝްރޫޢުގެ %76 މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް މުޅި މަޝްރޫޢު އެއްކޮށް ނިންމައި ޚިދުމަތަށް ގެނައުމެވެ.
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ މި ބިޔަ މަޝްރޫޢަކީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި، 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ޖުމްލަ 500 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.








