








-
ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ނ. ކުޑަފަރީގައި ތަރައްޤީކުރާ "ސަން ސިޔާމް ސްޕޯޓްސް ކޮމްޕްލެކްސް" ގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ނ. ކުޑަފަރިއަށް ނިސްބަތްވެވަޑައިގަންނަވާ، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދެވެ.
އެ ރަށު ފުޓުބޯޅަ ދަނޑުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނ. ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު އައްބާސްގެ އިތުރުން ކުޑަފަރި ކައުންސިލުގެ ރައީސް އަޙްމަދު މަހުފޫޒާއި، ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ސަން ސިޔާމް ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޝާއްބަ ކޮންސްޓްރަކްޝަންސްއާއެވެ. މި މަޝްރޫޢު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާއިރު، މިއީ މުޅި ސަރަޙައްދުގައިވެސް ޤާއިމުކުރެވޭ މިފަދަ އެންމެ ފުރިހަމަ އެއް ސްޕޯޓްސް ކޮމްޕްލެކްސްއަށް ވެގެންދާނެއެވެ.
މި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ނިމޭއިރު، ޒަމާނީ ފެންވަރުގެ ޗޭންޖިންގ ރޫމްތަކާއި، ފުރިހަމަ އިންޑޯ ޖިމެއްގެ އިތުރުން ކުޅުންތެރިންނަށް ޚާއްޞަ އައިސް ބާތު ފެސިލިޓީވެސް މި ތަނުގައި ޤާއިމުކުރެވިގެންދާނެއެވެ.




