
-
މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރެވޭނީ މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުުރުވައިގެން ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މެންހަޓަންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، މަސްވެރި ސިނާއަތް ތަރައްގީ ކުރުމަށާއި އެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ.
އަދި މި ސިނާއަތުގައި ހުރި މައްސަލަތަކަކީ ހަމައެކަނި ސަރުކަރަކަށް އެކަނި ހައްލުކުރެވޭނެ ކަންކަން ނޫން ކަމަށާއި، މި ކަންކަން ހައްލުކުރެވޭނީ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް ބާރުވެރިކޮށްގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ފެށީ އަމިއްލަ ފަރުދުންނާއި ޕްރައިވެޓް ސެކްޓަރަށްވެސް ފުރުސަތުތައް ފަހިވާންޖެހޭ ކަމަށް ގަބޫލުކޮށްގެން ކަމަށެވެ.
ސަރުކާރުން މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާއިރު އެސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުވިގެން ނޫނީ މުޅި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލެއް ނުކުރެވޭނެ އެގޮތުން މަސްވެރި ސިނާއަތުގައި މިހުރީ ވަރަށް ޒަމާންވީ ގޮންޖެހުންތަކެއް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަމުންއައި ނަމަވެސް ގޮންޖެހުންތައް ހުރީ ހުރިގޮތައް މި ގޮންޖެހުންތައް ހައްލު ކުރުމަށް އެންމެ މުހިންމު އެއް ވަސީލަތަކީ ފައިސާ ނުވަތަ އިންވެސްޓުމަންޓް، - ޝިޔާމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ރާއްޖޭގެ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާއިރު ޕްރައިވެޓް ކުންފުނިތަކަށްވެސް ފަހި މާހައުލެއް އުފައްދައިދީގެން އެކަން ކުރުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.















