








-
ނޭޕާލަށް ކުރިމަތިވެފައިވާ ކުއްލި ފެންބޮޑުވުމުގެ ހާދިސާގައި ރަސުވާ ސަރަޙައްދުން ހާލުގައި ޖެހި، ސަލާމަތްކުރެވުނު މީހުން ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓްވެ، 32 މީހަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެ ކަމަށް އެ ޤައުމުގެ ނޭޝަނަލް ނިއުސް ކޮމިޓީން ރިޕޯޓްކޮށްފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އިރުމަތީ ނަވަލްޕަރާސީގެ ދަންދާ ކިޔާ ސަރަޙައްދެއްގައެވެ.
މި ބަހަކީ ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއިން ފުރައިގެން ދެކުނު-ހުޅަނގު ނޭޕާލްގެ ބަރްދިޔާއަށް ދަތުރުކުރަމުން ދިޔަ ބަހެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެ ވަގުތު ބަހުގައި ތިބި 38 ފަސިންޖަރުންގެ ތެރެއިން 32 މީހަކަށް ވަނީ އަނިޔާވެފައެވެ.
ނަވަލްޕޫރު އީސްޓް ޑިސްޓްރިކްޓް ޕޮލިސް އޮފީހުގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަނިލް ޕަންޑިތު ވިދާޅުވީ، އަނިޔާވި މީހުންގެ ތެރެއިން 27 މީހަކަށް ފަރުވާ ދިނުމަށްފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.
އަދި ބާކީ ތިބި 5 މީހުންނަށް އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށްވެސް އޭނާ މަޢުލޫމާތު ދެއްވިއެވެ.




