






.jpg?w=3840&q=75)

-
ތިލަމާލެ ބުރިޖަކީ ދިވެހިރާއްޖެއާއި އަވަށްޓެރި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ރަމްޒުކޮށްދޭ އަގުހުރި އަދި މުހިންމު މަޝްރޫޢެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މާލެއާއި ވިލިމާލެ ގުޅުވާލަދޭ ތިލަމާލެ ބުރިޖުގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު، ބުރިޖު މަތިން ފައިމަގުގައި ހިންގަވާލައްވަމުން މީޑިއާތަކަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ވެރިކަމާ ޙަވާލުވެވަޑައިގަތްއިރު މި މަޝްރޫޢުގެ ދުވެލި މަޑުޖެހިފައި އޮތް ނަމަވެސް، އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރު އެފްކޮންސްއާއެކު ކުރެވުނު މުހިންމު މަސައްކަތްތަކުން މަޝްރޫޢުގެ ދުވެލި ވަރަށް ބޮޑަށް އަވަސްކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. މި އެއްބާރުލުމަށްޓަކައި އިންޑިއާ ސަރުކާރަށާއި، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރަށާއި، އަދި ބިނާރާބެހޭ ވަޒީރަށް ރައީސް ވަނީ އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއް ދެނީ ރައްޔިތުންނާ ގުޅިފައިވާ މިފަދަ ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ބާރަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި މިހާރު މާލެއާއި ވިލިމާލެ ބުރިޖުން އެއްކޮށް ގުޅާލެވިފައިވާއިރު، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބުރިޖުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ބިޔަ މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ހަމަޖެހިފައިވާއިރު، މިއީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މުސްތަޤްބަލަށް އިންގިލާބީ ބަދަލެއް ގެނުވާނެ ތާރީޚީ ބިނާއެކެވެ.








