
.jpg?w=3840&q=75)







-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މިއަދު ބައްލަވާލައްވައިފިއެވެ.
ބުރިޖު ބައްލަވައިލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބުރިޖު މަތިން ފައިމަގުގައި މާލެއިން ވިލިމާލެއަށް ވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި، ދައުލަތުގެ ބައެއް އިސްވެރިންވެސް މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބުރިޖުގެ ދަށުން، މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓު ގުޅާލާފައިވަނީ ނިމިދިޔަ ހަފުތާގެ ތެރޭގައެވެ. 2022 ވަނަ އަހަރު ފެށި މި ބުރިޖުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ޙަވާލުކޮށްގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ ބުރިޖުގެ މަސައްކަތް އަވަސްކުރުމަށް އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާއެކު މަޝްވަރާކޮށް މަސައްކަތް ހަލުވިކުރުމެވެ. މިދިޔަ ސަރުކާރުގެ ދައުރު ނިމުނުއިރު ނިމިފައިވަނީ މި މަޝްރޫޢުގެ ގާތްގަނޑަކަށް %30 މަސައްކަތް ނަމަވެސް، މިހާރު މި ބުރިޖުގެ މުޅި މަޝްރޫޢުގެ %76 މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައެވެ.
އެކި ސަބަބުތަކާ ހުރެ ބުރިޖުގެ މަސައްކަތް މީގެކުރިން ލަސްވި ނަމަވެސް، ސަރުކާރުގެ މިހާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ތިލަމާލެ ބުރިޖުގެ މަސައްކަތް އެއްކޮށް ނިންމައި ޚިދުމަތަށް ގެނައުމެވެ.
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ހިމެނޭހެން ބުރިޖާއި ކޯޒުވޭތަކާއެކު މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ.
ތިލަމާލެ ބުރިޖު މަޝްރޫޢަކީ ޖުމްލަ 500 މިލިއަން ޑޮލަރު (7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ) ގެ ބިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢަށް ފަންޑުކުރަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ (ގްރާންޓް) އާއި، 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.





.jpg?w=3840&q=75)


