








ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ކުރިއަށްގެންދާ 11 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އިންސާނިއްޔަތު ބިނާކުރުމުގެ މެދުވެރިއަކީ އިލްމުކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ކުރިއަށްގެންދާ 11 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ އިލްމު އުނގަންނައިދިނުމުގެ މަތިވެރި ނިއުމަތް ދެމެހެއްޓުމަކީ ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ.
ވަޒީރު ވަނީ ބައިނަލްއަގްވާމީ ކޮންފަރެންސެއް ކާމިޔާބުކަމާއެކު ކޮންމެ އަހަރަކުވެސް ބާއްވަމުން ދިޔުން ދޭހަކޮށްދެނީ އައިޔޫއެމުން މިކަމަށް އޮތް ރޫހާއި ޝައުގުވެރިކަން ކަމަށެވެ.
ޔުނިވާސިޓީގެ މަގްސަދަކީ ހަމައެކަނި ކިޔަވައިދިނުން ނޫންކަމަށާއި، މުޖުތަމައަށް ހިދުމަތް ކުރުމާއި، އިލްމީ އާ ހޯދުންތަކާއި ދިރާސާތައް ކުރުމާއި، މިކަންކަން ދެމެހެއްޓެނެވިގޮތަކަށް ކުރިއަށް ގެންދިއުން ކަމަށް ވަޒީރު ފާހަގަކުރި އެވެ. އަދި މިކަން ކުރަމުންދާކަން އައިޔޫއެމްއެމުން ކަށަވަރުކޮށްދެމުންދާކަމާއި، އިލްމީގޮތުން މުޖުތަމައު ނުވަތަ އިންސާނިއްޔަތު ބިނާކުރުމަކީ މަތިވެރި ވާޖިބެއްކަމަށްވެސް ވަޒީރު ފާހަގަކުރެއްވި އެވެ."ﷲ އައްޒަވަޖަލް އިންސާނާ އުފައްދަވާފައި ބިންމަތީގައި ޚަލީފާވެރިކުރެއްވީކީ އެކަންޏެއް ނޫން. ޚަލީފާވެރި ކުރެއްވީ ޢިލްމުވެރިކަމާއެކު. އަދި ޢިލްމުވެރިކުރެއްވީކީ އެކަންޏެއްވެސް ނޫން. ޢިލްމު ބަޔާން ކުރެއްވުމުގެ މަތިވެރި ނިޢުމަތްވެސް ދެއްވި. އެނގޭމީހުންނާއި ނޭނގޭ މީހުންގެ ތަފާތު. އަދި ޢިލްމަކީ ނަބީބޭކަލުންގެ ތަރިކަ ކަމުގައި ﷲ އައްޒަވަޖަލް ވަނީ ލައްވާފައި." އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވި އެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ ދެން ކޮންމެ އަހަރަކުވެސް މި ކޮންފަރެންސަށް އިސްލާމިކް މިނިސްޓްރީން ސްޕޮންސާދެއްވާނެ ކަމަށެވެ. އަދި އެއީ އައިޔޫއެމް ރިސަރޗް ސެންޓަރުން ކުރަމުންދާ ބުރަ މަސައްކަތަށް ހިތްވަރު ދިނުމާއި، މިފަދަ މަސައްކަތަކީ މުޖުތަމަޢުގެ އެއްބަޔަކު އަނެއްބަޔަކު ވާގިވެރިވެގެން އެހީތެރިވެގެން ކުރިއަށްގެންދެވޭނެ މަސައްކަތެކަަށްވެސް ވާތީ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
އައިޔޫއެމްގެ ކޮންފަރެންސް މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާއިރު، މިއީ 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އައިސީއައިއޭ އަކީ ޢިލްމީ މައުލޫމާތު ބަދަލުކުރުމާއި، އިލްމީ ބަހުސްތައް ކުރުމުގެ އިތުރުން ހެކީގެ މައްޗަށް ބިނާކޮށް ކުރެވޭ އަމަލީ މަސައްކަތްތައް ރާއްޖޭގައި އިތުރުކުރުމަށް ފުރުސަތު ހުޅުވާލަދޭ މުހިންމު ޕްލެޓްފޯމެކެވެ.




