








ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު
ދިވެހިރާއްޖޭގެ ތަކެތީގެ އަގުބޮޑުވެ، ރައްޔިތުން ބަނޑަށް ޖެހުން ފަށާފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ބާޒާރުގެ ތަކެތި އަގުބޮޑުވަމުންދާކަން ފާހަގަކޮށް ޖަމީލް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ.
ޖަމީލް ވިދާޅުވީ ރާއްޖޭގެ ބާޒާރުގައި ބައެއް މުހިންމު ތަކެތި ލިބެން ނެތްކަމަށެވެ. އަދި ބާޒާރުން ޒަރޫރީ ތަކެތި ހުސްވެފައިވާ ކަން ފާހަގަކޮށް ޖަމީލް ވިދާޅުވީ މިހާރު ރައްޔިތުން ބޭސްވެސް ނުލިބިގެން ބޭސް ސިޓީ ހިފައިގެން އެއްތަނުން އަނެއްތަނަށް ދުވަން ޖެހިފައިވާ ކަމަށެވެ. އެވަރުންވެސް ހުރިހާ ބޭހެއް ނުލިބޭކަމަށް ޖަމީލް ފާހަގަކުރި އެވެ.
"އެންމެ ކުޑަމިނުން ކުކުޅުބިސް ވެސް ހުސްވެއްޖެ." ޖަމީލު ވިދާޅުވި އެވެ.
މީގެއިތުރުން ޖަމީލް ވިދާޅުވީ ގައުމު މި ހާލަތުގައި އޮތްއިރުވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ ވެރިން އަދިވެސް ތިއްބެވީ ސައްލާ ކުރުމުގައި ކަމަށެވެ.




