






.jpg?w=3840&q=75)
.jpg?w=3840&q=75)
ކްރިމިނަލް ކޯޓު
ވަގު އައިޑީއަކުން އަންހެނަކަށްވެގެން ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި ފިރިހެނަކު ޖޫރިމަނާކޮށް ޖަލަށް ލައިފި އެވެ.
ފޭސްބުކް އައިޑީއަކު ޝާނާ ހުސެއިން ނަމަކަށް ޖަހައިގެން ހިންގި މި އައިޑީން ބައިވަރު މީހުންނަށް އޮނުވާލައި ލަނޑުދީގެން ފައިސާ އަތުލި މައްސަލާގައި ކްރިމިނަލް ކޯޓުން ޖަލަށްލާން ހުކުމްކުރީ ކ.ކާށިދޫ، ސިލިކޯން، އިސްމާއިލް ޒަބީހެވެ.
ދައުވާގައި ވަނީ އެ އައިޑީން މީހުންނަށް އޮޅުވާލައިގެން 3 އަހަރު ތެރޭގައި، ޖެނުއަރީ 2022 އިން ފެށިގެން އޮގަސްޓު 2024 ވަނަ އަހަރުގެ 20 ވަނަ ދުވަހާ ހަމައަށް 710،550 ރުފިޔާ ހޯދާފައިވާ ކަމަށެވެ.
އިސްމާއިލް ޒަބީހް ވަނީ 2 އަހަރާއި 6 މަސްދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، 100،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ވަނީ އޭނާ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެނގިހުރެ، އެ ފައިސާ އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ އެކައުންޓުގައި ބަހައްޓައިގެން ބޭނުންކޮށްފައިވާތީ އެ ހޯދި ހުރިހާ ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ. އަދި ދައުވާތައް ކޯޓުގައި ކުރިއަށް ދަނިކޮށް އިސްމާއިލް ޒަބީހު ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ.
އިސްމާއިލް ޒަބީހު ކޯޓުގައި ވަނީ ކުށަށް އިއުތިރާފުވީ އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށް އެއްބަސްވެފަ އެވެ. އަދި އެ އެއްބަސްވުމުގައި ގާނޫނީ ގޮތުން ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ފުރިހަމަވާތީ އެ އެއްބަސްވުން ބަލައިގަތުމަށް ޝަރީއަތުން ވަނީ ނިންމައިފަ އެވެ.
މިއަހަރުގެ ޖުލައި 5 ވަނަ ދުވަހު އޭނާގެ މައްޗަށް ދައުވާކޮށްފައިވާއިރު، އެ ދުވަހުން ފެށިގެން އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ އެމްއެމްއޭ އަށް ދެއްކުމަށް ވަނީ އަންގައިފަ އެވެ. ޒަބީހު ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން ބަންދުގައި ހުންނަން ޖެހެނީ ހަތް މަހާއި 15 ދުވަހެވެ.




