




.jpeg?w=3840&q=75)



-
ދިވެހިރާއްޖޭގައި އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގައި ޤާއިމުކުރުމަށް ތައްޔާރުވަމުންދާ މި ޒަމާނީ އިންޖިނިއަރިންގ ލެބޯޓަރީ ޢިމާރާތަކީ، އިންޖިނިއަރިންގގެ ހުރިހާ ދާއިރާއެއްގެ ޚިދުމަތް އެއްތަނަކުން ލިބޭނެ ގޮތަށް ފަރުމާކުރެވޭ ތަނެއް ކަމަށެވެ. އެގޮތުން މި ލެބޯޓަރީގައި ސިވިލް އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކް އިންޖިނިއަރިންގ، ސޮފްޓްވެއަރ އިންޖިނިއަރިންގ، އެއަރކްރާފްޓް އަދި އެއިރޮނޮޓިކަލް އިންޖިނިއަރިންގ، ރޮބޮޓިކްސް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އިތުރުން ޑިޖިޓަލް އިންޖިނިއަރިންގގެ ހުރިހާ ދާއިރާއެއްގެ ވަސީލަތްތައް ފުރިހަމަކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޢިމާރާތް ބިނާކުރުމަށް ބޭނުންވާ ފަންނީ މަސައްކަތްތަކާއި އެހެނިހެން އިންތިޒާމުތައް ސަރުކާރުން މިހާރު ހަމަޖައްސަމުން އަންނައިރު، މި ޢިމާރާތް ބިނާކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ އެންމެހައި ކަންކަން ހަމަޖައްސާފައިވަނީ ދައުލަތުގެ ބަޖެޓުގައި ނުހިމަނައި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، މި ލެބޯޓްރީ ވެގެންދާނީ އިންޖިނިއަރިންގގެ ދާއިރާތަކުން ތަފާތު ތަޙްލީލުތައް ކުރުމަށް ބޭނުންވާ ރާއްޖޭގެ ހުރިހާ ދަރިވަރުންގެ އިތުރުން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް އެފަދަ ދިރާސާތަކާއި ތަޙްލީލުތައް ފުރިހަމައަށް ކުރެވޭނެ މަތީ ފެންވަރުގެ މަރުކަޒަކަށް ހެދުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށެވެ.


.jpg?w=3840&q=75)





