








ކޮރެއާގެ ކޮންވީނިއަންސް ސްޓޯރުތަކުން ލިބެން ހުންނަ ބަނާނާ މިލްކް
ދެކުނު ކޮރެއާއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެ ގައުމުގެ އާންމުންގެ މެދުގައިވެސް އެންމެ މަގުބޫލު، އެއް ބުއިމަކީ 'ބަނާނާ މިލްކް'އެވެ. ކޮރެއާގެ ފިހާރަތަކުން، ޚާއްޞަކޮށް ކޮންވީނިއަންސް ސްޓޯރުތަކުން އާންމުކޮށް ލިބެން ހުންނަ ތަފާތު ބައްޓަމެއްގެ ޕްލާސްޓިކް ފުޅިއެއްގައި ވިއްކާ މި މީރު ބުއިމަކީ، އެތައް ޖީލުތަކަކަށް ކޮރެއާ މީހުންގެ ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާ އެއްޗެކެވެ.
ނަމަވެސް، މިހާރު މި މަޝްހޫރު ބުއިން ބޯނެ އެންމެ މަގުބޫލު ގޮތް އީޖާދުކުރީ ކެފޭއަކުން ނޫނެވެ. އެކަން ކުރީ ކޮންވީނިއަންސް ސްޓޯރުތަކަށް ވަތް ބޭރުގެ ފަތުރުވެރިންނެވެ. އާދައިގެ ކެފޭ ލާޓޭއަކަށް ވުރެ އަގުހެޔޮކޮށް ލިބޭ މި ބުއިން ފަތުރުވެރިން ތައްޔާރުކުރަން ފެށީ އައިސް ތަށްޓަކަށް ބަނާނާ މިލްކް އެޅުމަށްފަހު އޭގެ މައްޗަށް ހޭޒަލްނަޓް ބްލެކް ކޮފީ އަޅައިގެންނެވެ. ފަތުރުވެރިން މި ރެސިޕީ ސޯޝަލް މީޑިއާގައި ހިއްސާކުރުމާއެކު، ކޮރެއާގެ ރައްޔިތުންގެ މެދުގައިވެސް މިއީ ބޮޑު ޓްރެންޑަކަށް ވެގެންދިޔައެވެ.
މި ވައިރަލް ބުއިމުގެ މަގުބޫލުކަން އިތުރުވެގެންދިޔައީ މަޝްހޫރު ތަރިންވެސް މީގެ ރަހަ ބަލަން ފެށުމުންނެވެ. މިދިޔަ މެއި މަހު ސޯލްއަށް ޒިޔާރަތްކުރި ހޭލީ ބީބަރ ވަނީ ކޮންވީނިއަންސް ސްޓޯރަކުން މި ބުއިން ތަޖުރިބާކުރުމަށްފަހު، މީރުކަމުން އެ ނުބޮއެ ނުހުރެވޭކަމަށް ބުނެ އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައެވެ.
އަދި ހޮލީވުޑްގެ ބަތަލާ އެމާ ރޮބަރޓްސް ވެސް ވަނީ އޭނާގެ ކޮރެއާ ދަތުރުގައި މީގެ ރަހަ ބަލާފައެވެ. މިއާއެކު ކޮރެއާގެ މަޝްހޫރު ރީޓެއިލް ފިހާރަ 'ޖީއެސް25' އިން މިހާރު އަންނަނީ ބަނާނާ މިލްކާއި، އައިސް ތަށި އަދި އެސްޕްރެސޯ ޝޮޓެއް ހިމެނޭހެން ޚާއްޞަ ސެޓެއްވެސް ވިއްކަމުންނެވެ.
މިކަމުގެ ސަބަބުން ބަނާނާ މިލްކް ބޭނުންކޮށްގެން ތަފާތު އެހެން ބުއިންތައް އުފެއްދުމުގެ ދޮރު ވަނީ ހުޅުވިފައެވެ. އެގޮތުން ގޭގައި ނުވަތަ ފިހާރައިން ލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ އެންމެ މަގުބޫލު ތިން ގޮތެއް ހިމެނެއެވެ.
އޭގެ ތެރެއިން އެންމެ ފުރަތަމަ ގޮތަކީ 'ބަނާނާ ލަޓޭ' ތައްޔާރުކުރުމެވެ. މިއީ އައިސް ތަށްޓަކަށް ބަނާނާ މިލްކް އެޅުމަށްފަހު، އޭގެ މައްޗަށް ދެ ޝޮޓް އެސްޕްރެސޯ އަޅައިގެން ތައްޔާރުކުރާ ބުއިމެކެވެ. އަދި މީގެ ތެރެއަށް ހޭޒަލްނަޓް ސިރަޕް ކޮޅެއް އެޅުމުން އޭގެ ރަހަ އިތުރަށް ފުރިހަމަވެގެންދެއެވެ.
ދެވަނަ ގޮތަކީ 'ކޮފީ ބާރ ބަނާނާ ލަޓޭ' އެވެ. މި ބުއިން ތައްޔާރުކުރާއިރު ދިޔާ ކޮފީގެ ބަދަލުގައި ބޭނުންކުރަނީ ފިހާރަތަކުން ލިބެން ހުންނަ ކޮފީ ރަހަލާ އައިސްކްރީމް ބާރ އެއްގެ މައްޗަށް ބަނާނާ މިލްކް އަޅައިގެންނެވެ.
މީގެ އިތުރުން 'މަޗާ ބަނާނާ މިލްކް' އަކީ ވެސް ވަރަށް މަގުބޫލު ބުއިމެކެވެ. މިއީ އައިސްކޮށް ގިރާފައި ހުންނަ މާޗާ ލާޓޭއެއްގެ ތެރެއަށް ބަނާނާ މިލްކް އަޅައިގެން ތައްޔާރުކުރާ ތަފާތު މީރު ބުއިމެކެވެ.
އެހެންކަމުން ކޮރެއާއަށް ދާން ދަތުރެއް ޕްލޭންކޮށްފައި އޮތް ނަމަ މި މަޝްހޫރު ބުއިމުގެ ސިއްރު ހޯދައި، އޭގެ ރަހަ ތަޖުރިބާކޮށްލުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.




