








ލިވަޕޫލާއި ފޮރެސްޓް ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހު ހަވީރު އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
ލީގުގައި ލިވަޕޫލް ކުޅުނު ފުރަތަމަ މެޗުގައި ނިއުކާސަލް ޔުނެއިޓެޑާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ފޮރެސްޓްގެ ފުރަތަމަ މެޗުގައި ލީޑްސް އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
ލިވަޕޫލްގެ އަންފީލްޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފޮރެސްޓުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޑާން އެންޑޯ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މެޗުގެ 32 ވަނަ މިނެޓުގައި ލިވަޕޫލުން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ. އަދި މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފޮރެސްޓް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ލިވަޕޫލުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެލެގްޒެންޑަރ އިސާކް އެވެ.
ފޮރެސްޓުން ދެވަނަ ފަހަރަށް މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއެއްގައެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މޯގަން ގިބްސް ވައިޓް އެވެ. ނަމަވެސް އޭގެ 12 މިނެޓް ފަހުން ލިވަޕޫލްގެ ޒުވާން ފޯވާޑް ވިކްޓަރ މުނޯޒް ވަނީ ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި ނަތީޖާއެކު ލީގުގައި ކުޅުނު ދެމެޗުން ލިބުނު ދެ ޕޮއިންޓާއެކު ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ 11 ވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ފޮރެސްޓް މިވަގުުތު އޮތޯ ތާވަލުގެ 13 ވަނައިގައެވެ.




