





.jpg?w=3840&q=75)


އެމްޓީސީސީ އިދު ބައިބަލާ ޗެލެންޖްގެ ތެރެއިން.. ފޮޓޯ: ވަގުތު ސްޕޯޓްސް
ދިވެހިންގެ މެދުގައި މަގުބޫލު ސަގާފީ ކުޅިވަރެއްކަމުގައިވާ ބައިބަލާ މުބާރާތެއް، މެލޭޝިއާގައި ދިރިއުޅޭ ދިވެހިނަށް ހާއްސަކޮށްގެން ބޭއްވުމަށް ނިންމައި މަޑި މޯލްޑިވސްގެ ފަރާތުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
"މެލޭޝިޔާ ބައިބަލާ ޗެލެންޖް 2026" ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތް މި އަހަރުގެ އޮކްޓޯބަރު މަހުގެ 17 އިން 18 އަށް، މެލޭޝިޔާގެ ޝާހް އަލަމްގައި ހުންނަ ދެވާން ބެސާރ ތަންޖުންގްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ރާއްޖޭން ބޭރުގައި ބައިބަލާ މުބާރާތެއް މިފަދަ ގޮތަކަށް ބާއްވާ ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ މެލޭޝިޔާގައި ދިރިއުޅޭ ނުވަތަ ކިޔަވަން ތިބޭ ދިވެހިންނަށާއި، މީގެ ކުރިން ވިސާ ގެންގުޅުނު ދިވެހިންނަށެވެ. އަދި ވާދަވެރިކަން އިތުރުކުރުމުގެ ގޮތުން ކޮންމެ ޓީމަކަށްވެސް ރާއްޖެއިން ދާ ދެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މުބާރާތް އިންތިޒާމުކުރާ ފަރާތުން ހާމަކުރި ގޮތުގައި، މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ބައިބަލާ ދިރުވައި އާލާކުރުމާއި، މެލޭޝިޔާގައި ތިބި ދިވެހި ކުޅުންތެރިންނަށް ވާދަވެރި މާހައުލެއް ހޯދައިދިނުމެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރިގަދަ މުބާރާތް ބަލާލުމަށް 300 އާއި 500 އާ ދެމެދުގެ އަދަދަކަށް ސަޕޯޓަރުން ހާޒިރުވާނެ ކަމަށް ލަފާކުރެވެއެވެ. އަދި މެޗުތައް ބައިބަލާ އެސޯސިއޭޝަންގެ ރަސްމީ ޗެނަލްތަކުން ލައިވްކޮށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ސްޕޮންސަރުންނަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ޓައިޓަލް، ގޯލްޑް، ސިލްވަ އަދި ބްރޮންޒް ޕާޓްނަޝިޕް ޕެކޭޖްތައް ތައާރަފުކޮށްފައިވާއިރު، މި ޕެކޭޖްތަކުގެ އަގުތައް އުޅެނީ 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގައެވެ.
މި މުބާރާތަށް ސްޕޮންސަރު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯދުމަށާއި ޕާޓްނަޝިޕް ގުޅޭގޮތުން އަށް އީމެއިލް ކުރުމަށް އިންތިޒާމުކުރާ ފަރާތްތަކުން އެދެއެވެ.




