








ނިކޮލަސް ޖެކްސަން...
ޗެލްސީގެ ސެނަގާލް ފޯވާޑް ނިކޮލަސް ޖެކްސަން، ތިން އަހަރަށް ފަހު އެކުލަބު ދޫކޮށް ޕްރެމިއާ ލީގުގެ އެސްޓަން ވިލާއަށް ސޮއިކޮށްފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 25 އަހަރުގެ ފޯވާޑް ޗެލްސީއަށް ސޮއިކޮށްފައިވަނީ 65 މިލިއަން ޕައުންޑްގެ އަގަކަށެވެ.
މީގެ އިތުރުން ޖެކްސަން، އެސްޓަން ވިލާއާއި މި ގުޅުނީ އެ ކުލަބަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް އޮލިއޭ ވަޓްކިންސް ސައުދީ ޕްރޯ ލީގުގެ އަލް-ހިލާލް އަށް ބަދަލުވުމާ ވަރަށް ގާތަށް ޖެހިލާފައި އޮތް ދަނޑިވަޅެއްގައެވެ.
އުމުރުން 30 އަހަރުގެ ވަޓްކިންސް ވަނީ މިދިޔަ ސީޒަންގައި އެސްޓަން ވިލާގައި މޮޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން އެޓީމުން މިދިޔަ ސީޒަނުގެ ޔުރޮޕާ ލީގު ކާމިޔާބުކޮށް ދިނުމުގައި ވަޓްކިންސް މުހިންމު ދައުރެއް އަދާކުރިއިރު، މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއަށް އެންމެ ގިނަ ލަނޑު ޖަހައި ދިން ކުޅުންތެރިޔަކީ ވެސް ވަޓްކިންސްއެވެ.
އެކަމަކު، މިފަހަރު ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ބްރައިޓަން އަތުން 4-0 އިން އެސްޓަން ވިލާ ބަލިވި މެޗުގައި ވަޓްކިންސް ކުޅެން ދެކޮޅު ހެދި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވިލަރެއާލްގެ ކޯޗުކަމާ އެސްޓަން ވިލާގެ މިހާރުގެ ކޯޗު އުނައި އެމެރީ ހަވާލުވެގެން ހުރި ދުވަސްކޮޅުގައި ޖެކްސަން ވަނީ އެ ޓީމަށް ކުޅެފައެވެ.
މި ސީޒަނާ ދިމާކޮށް އެސްޓަން ވިލާ އިން ވަނީ ޖޯހަން މަންޒަމްބީ އާއި މިޑްފީލްޑަރު ގާއޯ ގޮމޭސްގެ ސޮއި ހޯދައިފައެވެ. އަދި ގޯލްކީޕަރު ޒިއޮން ސުޒޫކީ އާއި ޑިފެންޑަރު މަޓިއޯ ރުގެރީގެ ސޮއި ވެސް ވަނީ ހޯދައިފައެވެ.
މިދިޔަ މެއި މަހުގައި ޔޫރަޕާ ލީގު ކާމިޔާބު ކުރި އެސްޓަން ވިލާ އިން ވަނީ މިސީޒަން ފެށުމުގެ ކުރިން އެޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ވިއްކާލައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ، މޯގަން ރޮޖާސް، ޔޫރީ ޓީލަމަންސް، ލޫކަސް ޑީން، އެޒްރީ ކޮންސާއެވެ.
މި ކުޅުންތެރިންގެ ތެރެއިން ރޮޖާސް ޗެލްސީއަށް ބަދަލުވިއިރު، ޔޫރީ ޓީލަމަންސް ބަދަލުވީ މެންޗެސްޓާ ޔުނައިޓެޑަށެވެ. ކޮންސާ، އާސެނަލްއަށް ބަދަލުވިއިރު، ޑީން ބަދަލުވީ ޕީއެސްޖީއަށެވެ. އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވެސް ވަނީ އެ ކުލަބު ދޫކޮށްލައި ޗެލްސީއަށް ބަދަލުވުމަށް އެއްބަސްވެފައެވެ.
ދެހާސް ތޭވީސް ވަނަ އަހަރު ވިލަރެއާލް އިން ޗެލްސީއަށް ބަދަލުވި ޖެކްސަން ވަނީ އެ ޓީމަށް 81 މެޗު ކުޅެދީ 30 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިދިޔަ ސީޒަންގައި ޖެކްސަން ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނީ ބަޔާން މިއުނިކަށެވެ. އެގޮތުން، 34 މެޗުގައި 11 ލަނޑު ކާމިޔާބުކުރިއިރު، ބަޔާން މިޔުނިކަށް ޖަރުމަނު ލީގު ކާމިޔާބުކޮށްދިނުމުގައި ޖެކްސަން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.