




.jpg?w=3840&q=75)



-
އެމްޑީޕީން ޤައުމުގެ އިޤްތިޞާދު ފުނޑާލުމަށް ރޭވިގެން ހިންގި ކަންކަން ހުއްޓުވައި، ޤައުމު ސަލާމަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަކީ ހަޤީޤަތުގައިވެސް އަޅަންޖެހޭ ފިޔަވަޅުތައްކަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ޤަބޫލުފުޅު ކުރެއްވޭ ކަމަށާއި، ނަމަވެސް އެކަމާ ދެކޮޅަށް ރައްޔިތުންގެ ކުރިމަތީގައި ވާހަކަފުޅު ދައްކަވަނީ ކޮން ކަމެއް ހާސިލުނުވެގެންތޯ ސުވާލު އުފައްދަވައި، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މީސްމީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ޝުޖާޢު ވިދާޅުވީ، ރައީސް މުޢިއްޒު އަޅުއްވާ ފިޔަވަޅުތަކަކީ އަޅަންޖެހޭ ފިޔަވަޅުތައް ކަމަށް ޔާމީނަށް އެނގިވަޑައިގެން، އެކަމަށް ތާއީދުކުރައްވައި އަރިހުގައި ތިއްބަވާ ބޭފުޅުންނާއެކު އެ ވާހަކަ ދައްކަވާކަން އެނގޭ ކަމަށެވެ.
އަދި ރައީސް މުޢިއްޒު ވެރިކަމުގައި ހުންނެވުމަކީ ޔާމީނަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމަކަށް ނުވަނީތޯ ސުވާލުކުރައްވަމުން، އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަ ޔާމީން އަދިވެސް ބައިންދާނީ ޖަލުގައި ކަމަށް ޝުޖާޢު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެމްޑީޕީގެ ވެރިކަމުގައި މި ޤައުމު އޮންނާނީ ވިއްކައި ހުސްކޮށްފައި ކަމަށާއި، ނަމަވެސް ރައީސް މުޢިއްޒު ޤައުމުގެ އެއްވެސް ހަރުމުދަލެއް ނުވަތަ ބިމުގެ އެންމެ އަކަ އިންޗިއެއްވެސް ބޭރުގެ ބަޔަކަށް ވިއްކަވާފައި ނުވާނެ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.
އަދި އެންމެ ފަހަރަކު ނަމަވެސް ލޯގަނޑު ކުރިމައްޗަށް އަރައި އަމިއްލަ މޫނަށް ބައްލަވައި ފުންކޮށް ވިސްނާލުމަށް ޔާމީނަށް ގޮވާލައްވަމުން، ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ފަދަ ބޭފުޅުންގެ މޫނަށް ބައްލަވައިގެން ކުރައްވާ ކަންކަމުގެ ސަބަބުން ހަލާކުވަމުންދަނީ ޔާމީން އަމިއްލަފުޅަށް ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.








