





.jpg?w=3840&q=75)


މިރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު ހިނގަން މެދުވެރިވީ ފޭސް 2 ގެ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، މަގުމަތީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
މި އެކްސިޑެންޓުގެ ތަފްސީލް ހާމަކުރަމުން ފުލުހުން ބުނީ ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ކައިރިން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު 2026 އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ. މި ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން އިތުރަށް ބުނީ މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންކަމަށެވެ.








.png?w=3840&q=75)