





.jpg?w=3840&q=75)


ފޮޓޯ: އެމްވީ ކްރައިސިސް
ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގައްޔާއި ރުކެއްގައި ޖައްސައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިންގައިފިއެވެ.
މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 އޮގަސްޓު 29 ވަނަ ދުވަހުގެ އިރުއޮއްސި 18:22 އެހައިކަންހާއިރުއެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އަންހެން މީހާއަށާއި، އޭގެ ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އެ ދެ މީހުންނަށްވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ވަނީ ފުލުހުންނަށް މަޢުލޫމާތު ދީފައެވެ.
ފުލުހުންގެ ތަޙުޤީޤަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައެވެ.
އަދި މި އެކްސިޑެންޓްތައް ހިނގާފައިވަނީ ކާރުގެ އަސްލު ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށްފަހު، ގަދަކަމުން ކާރު އަތުލައިގަނެގެން ދުއްވުމުގެ ތެރޭގައެވެ.
މި މައްސަލައާ ގުޅިގެން ކާރު ދުއްވި 35 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ހާދިސާގައި ހިމެނޭ ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.








.png?w=3840&q=75)