
.jpg?w=3840&q=75)



.jpeg?w=3840&q=75)



ޔާމީންއާއި ޝުޖާއު:-
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި ތިނަދޫގައި ބޭއްވި އާބާދީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމާ ގުޅިގެން، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެކްސްގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ބިނާކުރަނިވި ފިކުރުގެ ލީޑަރަކަށް ވުމަށްޓަކައި އެމްޑީޕީގެ ލީޑަރުންނާއެކު ސިޔާސީ އެއްދާން ނުކުރުން ލާޒިމުކަމަށް ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައިވާ ކަމަށެވެ.
ރައީސް ޔާމީން ޖަލުގައި އޮންނެވި ދުވަސްވަރުވެސް އަދި އޭގެފަހުންވެސް އެމްޑީޕީ ލީޑަރުންނާއެކު ސިޔާސީ މަސައްކަތްޕުޅު ނުކުރައްވާ ކަމަށް ވިދާޅުވަމުން ގެންދެވި ނަމަވެސް، މިއަދު ފެންނަނީ އެ މަންޒަރު ބަދަލުވެފައިވާ ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެމްޑީޕީ ލީޑަރުންނާއެކު މަސައްކަތް ކުރެއްވުމުން އެކަމަށް ފާޑުވިދާޅުވި ބޭފުޅުން މިއަދު އެމްޑީޕީގެ އިސް ލީޑަރުންނާއެކު ހިނިތުންވެވަޑައިގެން ތިއްބެވުމަކީ އުޞޫލު ދޫކޮށްލުން ކަމަށް ސިފަކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރު އެމްޑީޕީ ސަރުކާރުން ރަސްމީ ހަފްލާތަކަށް ދައުވަތު އެރުވި ނަމަވެސް، ޕާޓީގެ ލީޑަރަށް ލިބެމުންދިޔަ އަނިޔާތަކާ ހެދި އެމަނިކުފާނު ހުންނެވީ އެކަމާ ދެކޮޅަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް މިހާރު އަމިއްލަ އެދުން އިސްކޮށް، ކުރިން ގެންގުޅުނު އުޞޫލުތައް ދޫކޮށްލާފައިވާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.
ބިނާކުރަނިވި ފިކުރުގެ އަހުލުވެރިން އަބަދުވެސް ތިބޭނީ އޭރު ޤަބޫލުކުރި އަދި މިއަދުވެސް ދަމަހައްޓާ އުޞޫލުގައި ސާބިތުވެ ކަމަށް ވިދާޅުވަމުން، އަމިއްލަ އެދުމަށް މަސައްކަތްކުރާ ލީޑަރުންނާއި އިޚްލާޞްތެރިކަމާއެކު ތިބި ލީޑަރުން ރައްޔިތުންނަށް މިހާރު ސާފުވާނެ ކަމަށް ޝުޖާއު ނިންމަވާލައްވާފައިވެއެވެ.

.jpg?w=3840&q=75)






