








-
މުޅި ދުނިޔޭގެ ތާރީޚުގައިވެސް ސޮއިކުރެވޭ އެންމެ ބޮޑު ތެލުގެ އެއްބަސްވުން ވެނެޒުއޭލާއާއެކު ގާއިމްކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނާޑް ޓްރަމްޕް އިއުލާންކުރައްވައިފި އެވެ.
ޓްރަމްޕް ހާމަކޮށްފައިވާގޮތުގައި ވެނެޒުއޭލާއާއެކު އެމެރިކާއިން ގާއިމްކުރި މި އެއްބަސްވުމުގެ ދަށުން ވެނެޒުއޭލާގެ ތެލުގެ ރިޒާވްއިން 65 ބިލިއަން ފީފާގެ ތެޔޮ ކޮންޓްރޯލްކުރުމުގެ ބާރު އެމެރިކާއަށް ލިބިގެންދާނެ އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ ތެލުގެ ރިޒާވް ދެގުނައަށް އިތުރުވެ، އެމެރިކާގެ ރައްޔިތުންނަށް ޕެޓްރޯލާއި ޑީސަލް ލިބޭ އަގުތައް ވަރަށް ބޮޑަށް ހެޔޮވެގެންދާނެއެވެ.
މި އެއްބަސްވުން އެކުލަވާލާފައިވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާއި، ސެކްރެޓަރީ އޮފް ވޯރ ޕީޓް ހެގްސެތް، އަދި ވެނެޒުއޭލާގެ ވަގުތީ ރައީސް ދެލްސީ ރޮޑްރިގޭޒްގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހުއެވެ.
ވެނެޒުއޭލާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ މި އެއްބަސްވުމުގެ ދަށުން 65 ބިލިއަން ފީފާގެ ތެޔޮ ރައްކާކުރެވޭ 17 ފީލްޑް ތަރައްގީ ކުރާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ވެނެޒުއޭލާގެ ތެލުގެ ސިނާއަތަށް 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް އިތުރުވެ، އެގައުމަށް 209 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ޓެކްސްގެ އާމްދަނީއެއް ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި އެމެރިކާއިން މި ނިންމުން ނިންމި ނަމަވެސް އެގައުމުގައި ތެލުގެ އަގު ދަށަށްދާން އަދި ވަރަށް ވަގުތު ނަގާނެ އެވެ. އެއީ ވެނެޒުއޭލާގެ ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން އެތަންތަން ތަރައްގީކުރުމަށް ބޮޑު ހޭދައެއް ކުރަން ޖެހުމާއެކު ގިނަ އަހަރުތަކެއް ނަގާނެތީ އެވެ.
އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ގަލްފުގެ ތެޔޮ ހޯރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ. މީގެ ސަބަބުން ސަބަބުން ދުނިޔޭގައި ތެލުގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.