






.jpeg?w=3840&q=75)

-
ނޭޕާލާއި ޓިބެޓް ގުޅޭ ހިމާލިޔާ ބޯޑަރު ސަރަޙައްދަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ ޢަދަދު 470 އިން މައްޗަށް އަރައި، 1,500 އަށްވުރެ ގިނަ މީހުން ގެއްލިއްޖެއެވެ.
ނޭޕާލްގެ ބޮޑުވަޒީރުގެ އޮފީހުން ހާމަކުރި ގޮތުގައި، ހުކުރު ދުވަހާ ހަމައަށް އެ ޤައުމުން އެކަނިވެސް 469 މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުކުރެވިފައެވެ. އަދި 644 ބޭރު ޤައުމުތަކުގެ ފަތުރުވެރިން ހިމެނޭހެން 977 މީހަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.
މީގެއިތުރުން، ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، ޓިބެޓް ސަރަހައްދުން 3 މީހަކު މަރުވެ، އިތުރު 558 މީހަކު ވަނީ ގެއްލިފައެވެ.
މި ނުރައްކާތެރި ހާދިސާ ހިނގީ ބުދަ ދުވަހު ހިމާލިޔާގެ ފަރުބަދަތަކުން ގަނޑުފެންގަނޑެއް ކަނޑައިގެން ގޮސް، އައިސް އަދި ކިސަޑާއި ހިލަތަކާއެކު އައި ފެންގަނޑު ވާދީތަކުގެ ތެރެއަށް ފައިބައިގަތުމުންނެވެ. މި ބާރުގަދަ އޮއިވަރުގައި މުޅި އަވަށްތައް އެއްކޮށް ވަޅުލެވި، މަގުތަކާއި ބުރިޖުތަކުގެ އިތުރުން ހައިޑްރޯޕަވަރ ޕްލާންޓްތައް ވަނީ ބިމާ ހަމަވެފައެވެ.
ނޭޕާލް ސެންޓަރ ފޮރ ޑިޒާސްޓަރ މެނޭޖްމަންޓްގެ ރައީސް ބިޝާލް ނާތު އުޕްރޭތީ އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ގާތްގަނޑަކަށް 42 ކިލޯމީޓަރުގެ މަގު އެއްކޮށް ހަލާކުވެފައިވުމުން، ހެލިކޮޕްޓަރު ފިޔަވައި އެހެން އެއްވެސް ވަސީލަތެއް މެދުވެރިކޮށް އެ ސަރަޙައްދުތަކަށް ނުދެވޭ ކަމަށެވެ.
"މީހުން ތިބީ ވަރަށް ބޮޑު ނާއުންމީދެއްގެ ތެރޭގައި. މިހާރު 72 ގަޑިއިރަށްވުރެ ގިނަ ވަގުތު ވެގެންދިޔައިރު، މީހުން ތިބީ ބޯހިޔާވަހިކަމާއި ކާބޯތަކެއްޗަށް އިންތިހާއަށް ބޭނުންވެފައި،" އުޕްރޭތީ ވިދާޅުވިއެވެ.
މިހާތަނަށް ހިންގި ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގައި ގާތްގަނޑަކަށް 1,550 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ. އޭގެ ތެރޭގައި ހެލިކޮޕްޓަރު މެދުވެރިކޮށް ސަލާމަތްކުރި 800 މީހުންނާއި، އެއްގަމު މަގުން ސަލާމަތްކުރި 700 މީހުން ހިމެނެއެވެ. ސަލާމަތްވި މީހުންނަށް ވައިގެ މަގުން އެހީގެ ސާމާނު ފޯރުކޮށްދިނުމާއި، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ބޯޑަރުގެ ދެފަރާތުގައިވެސް އަދިވެސް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.








