








އެންޒޯ ފެނާންޑޭޒް
ޗެލްސީގެ މެދުތެރެއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ހުނަރުވެރި މިޑްފިލްޑަރު އެންޒޯ ފެނާންޑޭޒް ހޯދުމަށް މެންޗެސްޓާ ސިޓީން ފުރަތަމަ ބިޑު ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ސީޒަނުގައި ސިޓީގެ މުހިންމު ބައެއް ކުޅުންތެރިން ޓީމު ދޫކޮށް ދިޔުމާ ގުޅިގެން، އެ ޓީމުގެ މެދުތެރެ އިތުރަށް ވަރުގަދަކުރުމަށް ކޯޗު އެންޒޯ މަރެސްކާ އެންމެ ބޮޑު އިސްކަމެއް ދޭ ކުޅުންތެރިއަކީ އުމުރުން 25 އަހަރުގެ ފެނާންޑޭޒް ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
ސިޓީގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ޗެލްސީގައި ހުރި މަރެސްކާއާ ފެނާންޑޭޒާ ދެމެދު އަދިވެސް އޮތީ ވަރަށް ރަނގަޅު ގުޅުމެކެވެ. އަދި ފެނާންޑޭޒް ހޯދުމަށް ސިޓީން ޝައުގުވެރިވާކަން ޗެލްސީއަށް އެނގޭއިރު، މި ހޫނުމޫސުމުގެ ކުރީކޮޅު ޗެލްސީން ވަނީ އޭނާ ދޫކޮށްލާނެ އެންމެ ކުޑަ އަގަކީ 120 މިލިއަން ޕައުންޑް ކަމަށް ނުރަސްމީކޮށް ކަނޑައަޅާފައެވެ.
ޗެލްސީ އިން ކަނޑައެޅި ސުންގަޑި ހަމަވި ނަމަވެސް، އަންނަ ހަފުތާގައި ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން އެންޒޯގެ ސޮއި ހޯދުމަށް ސިޓީން އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށް ބެލެވޭއިރު، ޕްރެމިއާ ލީގުގައި ޗެލްސީ މިސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ފުލަމް އާއި ދެކޮޅަށް ދެވަނަ ހާފުގައި އެންޒޯ ކުޅެން އެރުމާއެކު ޗެލްސީގެ ސަޕޯޓަރުން ވަނީ އެނާއާއި ދިމާކޮށް ނުރުހުން ފާޅުކޮށްފައެވެ.
ސިޓީ އިން މި ޓްރާންސްފާ ކާމިޔާބުކޮށްފިނަމަ، އެންޒޯ ފެނާންޑޭސް ވެގެންދާނީ ޕްރިމިއާ ލީގުގެ ތާރީޚުގައިވެސް ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. މި ލިސްޓުގެ އެއްވަނައިގައި މިވަގުތު އޮތީ މިދިޔަ ހޫނުމޫސުމުގައި ލިވަޕޫލުން 125 މިލިއަން ޕައުންޑްގެ އަގަކަށް ގެނައި އެލެގްޒެންޑާ އިސާކް އެވެ.
ކުރިން ޗެލްސީގެ ކޯޗުކަމުގައި ހުރުމަށްފަހު، ހޫނު ބަހުސްތަކަކާ އެކު އައު އަހަރުގެ ފުރަތަމަ ދުވަހު އެ ޓީމު ދޫކޮށް، ޖޫން މަހު ސިޓީއާ ގުޅުނު މަރެސްކާ މިހާރު އަންނަނީ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ސިޓީގެ މެދުތެރެ އިތުރަށް ވަރިގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދާދި ފަހުން އެޓީމުން ވަނީ މިއަހަރުގެ ވޯލްޑްކަޕްގައި މޮރޮކޯ އިން ވިދާލި ޒުވާން މިޑްފިލްޑަރު އައްޔޫބު ބުއާޑޯގެ ސޮއި ވެސް ހޯދާފައެވެ.