








ނޭޕާލާއި ޗައިނާ ބޯޑަރު ސަރަހައްދުގައި ބިން ކަނޑައިގެން ގޮސް ހިނގި ފެންބޮޑުވުމުގެ ހާދިސާއެއްގައި ނޭޕާލުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް ނޭދެވޭ އަސަރުކޮށްފަައިނުވާކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން ދިމާވި ނުރައްކާތެރި ފްލޭޝް ފްލަޑް ކާރިސާއާ ގުޅިގެން، އެ ސަރަހައްދުގެ ހާލަތު ކަައިރިން ބަލައި މޮނީޓާކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް އެ ކާރިސާ ހިނގި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު އެވަގުތު ހުރިކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލުގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިކާރިސާގައި އަސަރުކޮށްފައި ނުވާކަން ދެނެގަނެވާފައިވާ ކަމަށްވެސް ވުޒާރާއިން ބުނެފައިވެއެވެ. އެ ވުޒާރާއިން ބުނި ގޮތުގައި ދިވެހިންގެ ހާލު ބެލިބެލުމުން ނޭޕާލުގައި އުޅޭ އެއްވެސް ދިވެއްސަކަށް މި ހާދިސާއިން އަސަރުކޮށްފައިނުވެއެވެ.
އަދި ވުޒާރާއިންވަނީ ނޭޕާލުގައި ދިރިއުޅޭ އެއްވެސް ރައްޔިތެއް މި ހާދިސާއާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ނުވަތަ މައުލޫމާތެއް ސާފުކުރަން އެދޭނަމަ، މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 009607983400 އަށް ނުވަތަ [email protected] އީމެއިލަށް މެއިލް ފޮނުވުމަށް ހާރިޖީ ވުޒާރާއިން އެދިފައިވެއެވެ.
ނޭޕާލަކީ ސިއްހީ ދާއިރާއިން ތައުލީމު ހާސިލުކުރުމަށާއި، އެ ދާއިރާއިން ތައުލީމު ހާސިލުކުރުމަށްފަހު އިންޓާންޝިޕް ހެދުމަށް ގިނަ ދިވެހިން ދާ ގައުމެކެވެ.








