






.jpeg?w=3840&q=75)

-
މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ރަސްމީ ބައްދަލުވުންތަކަށާއި، ތަމްރީނު ޕްރޮގްރާމްތަކުގެ އިތުރުން މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބާއްވާ އެކި ހަފްލާތަކަށް ބޭނުންކުރުމަށްޓަކައި 425 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ އައު އޮޑިޓޯރިއަމެއް ޤާއިމުކޮށްފިއެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އޮޑިޓޯރިއަމް ހުޅުވައިދެއްވިއިރު، މި ހަފްލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އާއި ބޯޑު މެމްބަރުންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މީގެއިތުރުން، މި ރަސްމިއްޔާތުގެ ތެރެއިން ގުރުއަތުން ހޮވުނު ނަސީބުވެރި މުވައްޒަފަކަށް ހައްޖު ދަތުރެއް ވެސް ވަނީ ހަދިޔާކޮށްފައެވެ.
މި އައު މާލަމާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، 425 މީހުންގެ ޖާގައިގެ މި އޮޑިޓޯރިއަމްގައި ބޯޑު ރޫމަކާއި، ކޭޓަރިންގ ޚިދުމަތް ދެވޭނެ އިންތިޒާމުތަކުގެ އިތުރުން އެންމެ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ޤާއިމުކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން، މި މުހިންމު މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައި ކުންފުނީގެ މުވައްޒަފުން ދެއްކި ފުރިހަމަ ހުނަރާއި ޤާބިލުކަން ފާހަގަކުރައްވައި، އެމްޑީ ޙުސައިން ފަހުމީ ވަނީ އެންމެހައި މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.




